މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މަސައްކަތުން އަމާން މުޖުތަމައެއް ގާއިމު ކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެކަމަށް އެންމެން އެހީތެރިވުމަކީ އެދޭ އެދުމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 50 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އިމްރާން މިރޭ ވިދާޅުވީ ކަރެންޝަންސް އިން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ހިދުމަތެއް ކަމަށެވެ.

"މުޖުތަމައުގައި ކުށާއި ނުރައްކަލުން ސަލާމަތްވެ ތިބުމުގައި އެ މުޖުތަމައުގައި ކުށްކުރާ ފަރާތްތަކުން އެ މުޖުތަމައު ސަލާމަތް ކުރުމުގައި ޒިންމާތަކެއް އަދާކުރަންޖެހޭ ފަރާތްތަކެއްވޭ،" އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ކުށްވެރިން ރިހިބިލިޓޭޓްކޮށް، ކުށްވެރިންނަކީ އިސްލާހުކޮށްފައިވާ ހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ކަރެކްޝަނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކަރެކްޝަންސްގެ މަސައްކަތުން އަމާން މުޖުތަމައެއް ގާއިމު ކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެކަމަށްޓަކައި އެންމެން މަސައްކަތް ކުރުމަކީ އެދޭ އެދުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުށްވެރިން ބެލެހެއްޓުމުގައި ރަނގަޅު ނިޒާމުތަކެއް ގާއިމުކުރެވި، ކުށްވެރިން ރިހިބިލިޓޭޓުކޮށް، ކުށްވެރިން މުޖުތަމައަށް ނެރުމުގެ މަސައްކަތް ސިސްޓަމެޓިކް ގޮތަކަށް ކުރެވިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.