އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެކަނި ދައުވާކޮށްފައި ނިންމާލުމަކީ ދައުލަތް "އޮރިޔާން"ވާނެ ކަމެއް ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕުގައި ނަަޝީދު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދައުވާތައް ނުކުރެވެންވީ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ހަމައެކަނި ރައީސް ޔާމީނަށް ދައުވާ ކުރުމަށްފަހު ނިންމާލައިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް ޔާމީނަށް އެކަނި ދައުވާ ކޮށްފައި ނިންމާލުމަކީ ވަރަށް ހުތުރުކަމެއް، އެއަށްވުރެ ބޮޑަށް ދައުލަތްް އޮރިޔާންވާނެ ކަމެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައިވާ އިރު، މަހުލޫފް ވަނީ އޭނާގެ މައްޗަށް ދައުވާކޮށްފިނަމަ ދައުލަތް "އޮރިޔާން" ވާނެ ކަމަށް ވިދާޅުވެފައެވެ.
ކްލަބު ހައުސްގައި ރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އޭނާގެ އަތުގައި އެބަހުރި ކަމަށާއި ޝަރީއަތާ ހަމައިން އެވާހަކަތައް ތިލަކުރައްވާނެ ކަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވެފައިވެއެވެ.
މަހްލޫފްގެ ތަހުގީގު ނިންމައި ދައުވާ އުފުލުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ދައުވާ ކުރުމާ ގުޅޭގޮތުން ޕީޖީން ގޮތެއް ނިންމާފައި ނުވަތީ އެ މައްސަލަ އޮތީ މަޑު ޖެހިފައެވެ. މުސާރަ ލިބޭ ގޮތަށް މަހްލޫފް ހުންނެވީ މަސައްކަތްތަކުން އެކަހެރިކޮށް ސަސްޕެންޑު ކޮށްފައެވެ.
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެ މައްސަލައިގައި ގޮތެއް ނިންމުން ލަސްވެފައިވާ ކަމަށާއި އެ މައްސަލަ އަވަސްކޮށް ދިނުމަށް ޕީޖީގައި އެދިވަޑައިގަންްނަވާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު