ހިޔާފުލެޓުތަކުގެ މެއިންޓެނެންސް ފީގެ ގޮތުގައި 1000 ރުފިޔާ ނެގި ނަމަވެސް އެ މަސައްކަތަށް ހިނގާ ހަރަދުން ބާކީވާ ބައި ފުލެޓުތަކުގެ ވެރީންނަށް ދޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ފުލެޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާގަހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ފުލެޓުތަކުގެ މެއިންޓެނެންސް ފީގެ ގޮތުގައި ނަގަނީ 1000 ރުފިޔާ ކަމަށާއި މި އަދަދު ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.

ސުހެއިލް ވިދާޅުވީ މެއިންޓެނެންސަށް ހަރަދުވާ ފައިސާ ކަނޑާލުމަށްފަހު ބާކީވާ ފައިސާ ފުލެޓުތަކުގެ ވެރީންނަށް ބަހާނެ ކަމަށެެވެ.

ދާއިމީ ގޮތެއްގައި ފުލެޓުތަކުގެ މެއިންޓެނެންސް ބެލެހެއްޓުން އެޗްޑީސީގެ ވިސްނުމުގައި ނެތް ނަމަވެސް އެކަމަށް ހާއްސަ ޔޫނިއަންއެއް އުފައްދައި އެ މަސައްކަތް އެ ޔޫނިއަންއާ ހަވާލު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ފުލެޓުތަކުގެ ކުލި ބޮޑުވެ އެކަމާ ގުޅިގެން އިއްޔެ ވަނީ މުޒާހަރާވެސް ކޮށްފަ އެވެ. ނަމަވެސް އެޗްޑީސީން ބުނީ ކުލި ކުޑަކުރެވެން ނެތް ކަމަށެވެ.

ހިޔާ ފުލެޓުތަކުގެ ކުލީގެ ގޮތުގައި މަހަކު 7500 ރުފިޔާ ނަގަން ނިންމާފައިވާއިރު އެތަނުގެ މެއިންޓެނެންސް އާ އެކީ މަހަކު 8500 ރުފިޔާ ހަރަދުވާނެ އެވެ. އަދި މި ކުއްޔަކީ ފިނިޝިން ނުނިމި ހުރި ތަނަކަށް ބަލާއިރު ބޮޑު ކުއްޔެއްކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.