އޭއެފްސީ ކަޕްގެ މެޗުތަކަށް ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާއެކު އެނބުރި ރާއްޖެ އާދެވުމަކީ ލިބުނު ވަރަށް ހާއްސަ ކަމެއް ކަމަށް ކުރިން ނިއު ރޭޑިއަންޓްގެ ކޯޗުކަމުގައި ގިނަ ކާމިޔާބީތަކެއް ހޯދި ސްޕެއިންގެ ކޯޗު އޮސްކާ ބުރޫޒޯން ބުނެފިއެވެ.

އޮސްކާއަކީ ރާއްޖޭގެ ފުޓުބޯޅައަށް މުޅިން އާ ނަމެއް ނޫނެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ރާއްޖޭގެ ނިއު ރޭޑިއަންޓާއެކު އެއް ސީޒަނެއްގައި ޕްރެސިޑެންޓްސް ކަޕާއި، ދިވެހި ލީގު އަދި އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ. އޭގެ ކުރިން އިންޑިއާގެ މުމްބާއީ އެފްސީއަށްވެސް އޮސްކާ ކޯޗުކަން ކޮށްދީފައިވާ އިރު، ރާއްޖޭގައި ހޭދަކުރި ދުވަސްތަކަށް ފަހު ދިޔައީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގަށެވެ. އެ ލީގުގައި އޮސްކާ ދަނީ ބަޝުންދުރާ ކިންގްސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

އޮސްކާ ހަވާލުވި ފަހުން ބަންގްލަދޭޝްގައި ބަޝުންދުރާ ވާދަކުރި ހުރިހާ މުބާރާތެއް ވަނީ ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެ ގައުމުގެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދައިފައެވެ. ބަޝުންދުރާ ގޮވައިގެން މިހާތަނަށް އޮސްކާ ވަނީ އޭއެފްސީ ކަޕްގެ އެއް މެޗަށް ނުކުމެފައެވެ. އެއީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗެވެ. ބަންގްލަދޭޝްގައި ކުޅުނު އެ މެޗުން ބަޝުންދުރާ މޮޅުވީ 5-1 އިންނެވެ.

ރާއްޖޭގައި މިމަހުގެ 15 އިން 24 އަށް އޭއެފްސީ ކަޕް ގްރޫޕް ޑީގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ނިންމާފައިވާ އިރު، އޮސްކާއާއި ބަޝުންދުރާ ކިންގްސް ޓީމު މިވަގުތު ތިބީ ރާއްޖޭގައެވެ. ގްރޫޕް ސްޓޭޖުގައި އެޓީމުން ފުރަތަމަ ކުޅޭނީ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށެވެ. އެއީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

މެޗަށް ރާއްޖެ އައުމާއި، ގްރޫޕް ސްޓޭޖާ ގުޅޭގޮތުން "ވަން" އަށް ދިން އިންޓަވިއުއެއްގައި އޮސްކާ ބުނީ އެނބުރި ރާއްޖެ އާދެވުމަކީ އުފާވެރި، ހާއްސަ އިހުސާސެއް ކުރެވޭނެ ކަމެއް ކަމަށާއި އުނދަގޫ ހާލަތުގައި މެޗުތައް ކުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެފްއޭއެމްއިން ކުރި މަސައްކަތަށް ތައުރީފު ކުރާ ކަމަށެވެ.

"(އެނބުރި ރާއްޖެ) އައުމަކީ ވަރަށް އުފާވެރި، ވަރަށް ހާއްސަ ކަމެއް. އެތައް ރައްޓެހިންނެއް މަރުހަބާ ކިޔައި، އަހަންނަށް ކާމިޔާބީ އެދުމަށް އެބަ ގުޅާ. ބޮޑު މުބާރާތެއް ކުޅުމަށް ރާއްޖެ އަންނަން ޖެހުމަކީ ލިބޭ އުފަލެއް. މިއީ ހާއްސަ މެޗުތަކަކަށް ވާނެ. އަހަރެން ޝުކުރު އަދާކުރަން ބޭނުންވޭ އެފްއޭއެމް އަށް. އެއީ މި އުނދަގޫ ހާލަތުގައި ގްރޫޕް ސްޓޭޖު ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސައި އެކަމަށް އިސް ނެގީތީ،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ގްރޫޕުގެ ހުރިހާ ޓީމެއްވެސް ވަރުގަދަ ކަމަށާއި މެޗުތަކުގެ ނަތީޖާ ބަދަލުވެގެން ދާނީ ކުދިކުދި ކަންކަމުގެ ސަބަބުން ކަމަށެވެ.

"ހުރިހާ ޓީމެއްވެސް ވަރަށް ވަރުގަދަ. ކުދިކުދި ކަންކަމުން މެޗުތަކުގެ ނަތީޖާ ބަދަލުވެގެން ދާނީ. އަހަންނަކަށް ނުފެނޭ ގްރޫޕުގެ ފެވަރިޓު ޓީމެއް. ހުރިހާ ކްލަބަކަށްވެސް ވާދަކޮށް ނަތީޖާ ނެރުމުގެ ފުރުސަތު ވަރަށް ބޮޑަށް އޯޕަންކޮށް އޮތީ. އެންމެ ފުރަތަމަ މެޗުވެސް ވަރަށް މުހިއްމު ވާނެ. އެއީ ފުރަތަމަ މެޗުތަކުން މޮޅުވާ ޓީމަކަށް ފަހު ކޮޅަށްދާއިރުވެސް ފުރުސަތު އޮންނާނީ. އެހެންވީމަ އެ ޕްރެޝަރު ކުޑަވާނެ މޮޅަކުން ފެށިއްޖެ ނަމަ. މިހާރު އަހަރެމެންގެ ފުލް ފޯކަސް ހުރީ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް،" އޮސްކާ ބުންޏެވެ.

ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާއި މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ކުޅޭނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާއި ކޮލިފިކޭޝަނުން މޮޅުވާ ޓީމެކެވެ. ކޮލިފިކޭޝަން މެޗުގައި މާދަމާ ރާއްޖޭގެ އީގަލްސްއިން ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗަށް އައިސް ބެންގަލޫރު އެފްސީ މިހާރު ތިބީ ރާއްޖޭގައެވެ.