މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓެލްކޯއަށް ފައިދާގެ ގޮތުގައި 61.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓެލްކޯއަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 61.8 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 60.7 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ދޭއް އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓެލްކޯގެ ފައިދާ އިތުރުވެފައިވަނީ ކުންފުނީން ކޮށްފައިވާ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު މަދުވުމުންނެވެ. އެގޮތުން އިންސާނީ ވަސީލަތް ތަރައްގީކުރަން ކުރި ހަރަދާއި ދަތުރުފަތުރަށް ކުރި ހަރަދާއި މުވައްޒަފުން ނެގުމަށް ކުރި ހަރަދު ވަނީ މަދުވެފައެވެ.

ފުރަތަމަ ކުއާޓަރުގައި ސްޓެލްކޯއަށް ފައިދާގެ ގޮތުގައި 61.8 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ޓެކުހަށް ކެނޑުމަށްފަހު އެކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 27.9 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބުނީ 32.9 މިލިއަން ރުފިޔާއެވެ. ނަމަވެސް އެއީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 23.5 މިލިއަން ރުފިޔާއާ އަޅައިބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓެލްކޯގެ އާމްދަނީ ވަނީ ދަށްވެފައެވެ. އެގޮތުން މިއަަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 487 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބުނު 504 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ތިނެއް އިންސައްތައިގެ ދަށް ވުމެކެވެ.

އެހެން އަހަރުތަކޭވެސް އެއްފަދައިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް ސްޓެލްކޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކަރަންޓުންނެވެ.