އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި ބްރެންޓްފޯޑު އެފްސީން އާސެނަލް ބަލިކޮށްފިއެވެ.

ބްރެންޓްފޯޑުގެ ބްރެންޓްފޯޑު ކޮމިއުނިޓީ ސްޓޭޑިއަމްއަށް ރެއަކީ ތާރީހީ ރެއެކެވެ. 74 އަހަރަށްފަހު އެޓީމުން އެނބުރި އިނގިރޭސި ފުރަތަމަ ޑިވިޝަނަށް އައިސް ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނީ ސަޕޯޓަރުންގެ ކުރިމަތީގައެވެ. މެޗުން ބްރެންޓްފޯޑު 2-0 ގެ ނަތީޖާއަކުން އިނގިރޭސި ވަރުގަދަ ބާރެއް ކަމަށްވާ އާސެނަލް ބަލިކުރުމާއެކު ހޯމް ސަޕޯޓަރުން ފެނުނީ އުފަލުން އުތުރި އަރަމުން ދިޔަތަނެވެ.

އާސެނަލްއިން މިދިޔަ ސީޒަންވެސް ދަށްކޮށް ނިންމާލާފައިވާއިރު، ރޭގެ މެޗުގައިވެސް ޓީމުގެ ކުޅުމުން ފެނުނީ އެ މާޔޫސީ މަންޒަރެވެ. މާ ބޮޑަކަށް އާސެނަލްގެ ނުރައްކާ މެޗުގައި ފެނިގެނެއް ނުދެއެވެ. އެއާ ހިލާފަށް ބްރެންޓްފޯޑުން ފެނުނީ ހަލުވި، ހުނަރުވެރި، މަސައްކަތުގެ ރޭޓް ރަނގަޅު ކުޅުމެކެވެ. މެޗުގެ 90 މިނެޓުގައިވެސް އާސެނަލްގެ މައްޗަށް ޓެކްނިކަލީ ކުރި ހޯދީ ބްރެންޓް ފޯޑުންނެވެ. ބްރެންޓްފޯޑަށް މޮޅު ވެސް ހައްގެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ހިތްގައިމު ހުނަރުވެރި ޓަޗުތަކާއެކު ހަމަލާތައް އުފައްދަމުން ދިޔަ ބްރެންޓްފޯޑުން ލީޑު ނެގީ 22 ވަނަ މިނެޓުގައެވެ. ސްޕެއިންގެ ސާޖީ ކަނޯސް އާ ސީޒަންގެ ފުރަތަމަ ގޯލް ޖެހީ އޭރިއާ ތެރެއަށް ވަދެ، ގޯލްގެ ކުޑަކަނުން އާސެނަލްގެ ގޯލްކީޕަރު ބާންޑް ލެނޯގެ ގޯލް ފޫއަޅުވާލައިގެންނެވެ.

އެ ގޯލުގައިވެސް އާސެނަލްގެ ޑިފެންސް "ވަނދު"ކޮށް ފެނިފައިވާއިރު، އަލަށް ޓީމާ ގުޅުނު ބެން ވައިޓުގެ ގޯހެއްވެސް ފާހަގަވެގެން ދިޔައެވެ. މެޗުގެ ދެވަނަ ހާފަށް ނުކުމެވެސް އާސެނަލްއިން ކުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރިއެވެ. ބަދަލުތަކާއެކު ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުކޮށް އެޓީމުގެ އެމިލް ސްމިތު ރޯވޭ އާއި ނިކޮލަސް ޕެޕޭގެ ހަމަލާތައްވެސް ފެނުނެވެ. އެ ހަމަލާތައް ހުއްޓުވީ އޯވަރޯލްކޮށް މެޗުގައި މޮޅަށް ކުޅުނު ބްރެންޓްފޯޑުގެ ގޯލްކީޕަރު ޑޭވިޑް ރަޔާއެވެ.

ބްރެންޓްފޯޑުގެ ސަޕޯޓަރުން ކައްކުވާލައި، މެޗު ނިމެން 17 މިނެޓަށް ވެފައި ވަނިކޮށް އެޓީމުން ފުރަތަމަ ތިން ޕޮއިންޓް ޔަގީން ކުރީ ކްރިސްޓިއަން ނޯގާޑު ބޮލުން ވައްދާލި ބޯޅައާއެކު ދެވަނަ ގޯލް ޖަހައިގެންނެވެ. ފަހު ކަށިގަނޑާއެކު ބެރެންޓްފޯޑުގެ ސަޕޯޓަރުންގެ އުފާވެރިކަން ފެނިގެން ދިޔައެވެ. މިއީ އެ ކްލަބަށް ތާރީހީ އެނބުރި އައުމެކެވެ. 74 އަހަރުގެ އިންތިޒާރުގެ ނިމުން ފެށީ ފޮނިކޮށެވެ. ޕްރިމިއާ ލީގުގެ އާ ސީޒަނަށް ފުރިހަމައަށް މަރުހަބާ ކިޔަމުންނެވެ. ލީގުގެ މެޗުތައް މިއަދާއި މިރޭވެސް އޮންނާނެއެވެ.