ހުޅުމާލޭ ދެވެނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ގޮވާލައި ފްލެޓް ލިބުނު ގިނަ އަދަދެއްގެ ރައްޔިތުން އިހުތިޖާޖުކޮށްފިއެވެ.

ހިޔާ ޔޫނިއަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ އެ އިހުތިޖާޖު ފެށުނީ މިއަދު ހަވީރު ހިޔާ ފްލެޓުތައް ހިމެނޭ ސަރަހައްދުގައެވެ.

އިޖުތިޖާޖުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަމުން ދިޔައީ ހިޔާ ފްލެޓުގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށްދިނުމަށެވެ.

"މިހާރުން މިހާރަށް ކުޑަކޮށްދީ. ހަމައަގަކީ 5،600ރ" އިހުތިޖާޖުގެ ބައިވެރިއެއް ހިފަހައްޓައިގެން ހުރި ބޯޑުގައި ވެއެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ގޮވާލައި އިހުތިޖާޖުކޮށްފައި މިވަނީ ފްލެޓުތަކުގެ ކުލި ކުޑަކޮށްދޭން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގައި އެދިވަޑައިގެންފައި ވަނިކޮށެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500ރ. ދައްކާ ގޮތަށެވެ. އަދި ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000ރ. ނެގުމަށް ވެސް ނިންމާފައިވެއެވެ.

ހިޔާ ފްލެޓުތަކުގެ ކުލި އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގުނަން ފެށި ނަމަވެސް ކުލި ނަގާނީ ޑިސެމްބަރު މަހުން ފެށިގެން ކަމަށް އެޗްޑީސީ ވަނީ ބުނެފައެވެ.