ސައުދީ އަރަބިއްޔާގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުރިއަށް ގެންދާ ތަމްރީނުތަކުގައި ކުޅުނު ތިންވަނަ އެކުވެރިކަމުގެ މެޗުގައި ޖިއްދާ އެފްސީއާ އެއްވަރު ކޮށްފިއެވެ.

ސައުދީގެ ދެވަނަ ޑިވިޝަން ކަމަށްވާ މުހައްމަދު ބިން ސަލްމާނު ލީގުގެ ޖިއްދާ އެފްސީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މާޒިޔާއިން ރޭ ކުޅުނު މެޗުގައި އެޓީމުގެ ދެ ގޯލްވެސް ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.

ޖިއްދާ އެފްސީއާ ދެކޮޅަށް ކުޅުނު މެޗަކީ މާޒިޔާއިން ސައުދީ އަރަބިއްޔާގައި ފުރިހަމަކުރާ ޓްރެއިނިން ކޭމްޕް ތެރޭގައި ކުޅުނު ފަހު މެޗެވެ. ޓްރެއިނިންގެ ފުރަތަމަ މެޗުގައި މާޒިޔާ އިން ވަނީ އަލް-އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމު އަތުން 2-1 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ސައުދީގެ ޕްރޯ ލީގުގެ ކްލަބް އަލް ވަހްދާއާ ލަނޑެއް ނުޖެހި ވީ އެއްވަރެވެ.

މެޗުގެ ފުރަރަމަ ދެ ގޯލް ޖެހީ ޖިއްދާ އެފްސީންނެވެ. މާޒިޔާއިން ފަހަތުން އަރައި ދެ ގޯލް ޖަހައިފައިވާއިރު، މާޒިޔާގެ ދެ ގޯލް އިއްބެ ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައެވެ. އަނިޔާގެ ސަބަބުންނާއި އެކި އެކި ކަންތައްތައް ދިމާވުމާ ގުޅިގެން މިދިޔަ ސީޒަނުގައި އިއްބެ އަށް އޭނާގެ އެންމެ ރަނގަޅު ކުޅުން ނުދެއްކުނެވެ. އެކަމަކު، ރޭގެ މެޗުގައި ބެންޗުން އަރައި ދެ ގޯލު ޖެހުމަކީ ކުރިއަށް އޮތް އޭއެފްސީ ކަޕަށް ދިއުމުގެ ކުރިން އޭނާ އަށް އިތުބާރު ލިބޭނެ ކަމެކެވެ. އިއްބެ އަކީ ރަނގަޅު ފޯމެއްގައި ހުރެއްޖެ ނަމަ ރާއްޖޭގައި މި ވަގުތު ހުރި އެންމެ ގޯލާ ރައްޓެހި އެއް މިޑްފީލްޑަރެވެ.

ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު މާޒިޔާ އެނބުރި ރާއްޖެ އަންނާނީ ހޮނިހިރު ދުވަހު އެވެ.

މާލޭގައި ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކުގެ ތެރެއިން މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ އެވެ. ދެ ވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު އޭޓީކޭ މޯހަން ބަގާންއާ ބައްދަލުކުރުމަށް ފަހު އޭގެ ތިން ދުވަސް ފަހުން މި މަހުގެ 24 ވަނަ ދުވަހު ކުޅޭނީ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފް އޮތީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.