މާބަނޑު މީހުންނަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ނުވަތަ އެސްޓްރާޒެނެކާ ވެކްސިން ދެވިދާނެ ކަމަށް އަންހެނުންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް ގްރޫޕް އޮފް އިމުނައިޒޭޝަން (ޓެގް)ގެ މެންބަރު ޖުމައިލަތު ބޭގަމް ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްނަގައިގެން ރޭ ކުރިއަށްގެންދިޔަ "ހާލުބެލުން" ޕްރޮގްރާމުގައި ޑރ. ޖުމައިލަތު ވިދާޅުވީ، ވެކްސިން ޖެހުމަށް ފަހު މާބަނޑުވި މީހުންނަށް ކުރިން އޮތީ ވެކްސިންގެ އިތުރު ޑޯޒެއް ނުދޭ ގޮތަށް ކަމަށެވެ.

ނަމަވެސް މިހާރު ލިބިފައިވާ ޑޭޓާތަކަށް ބަލާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަހުން މާބަނޑުވި މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާވެސް ނުވަތަ އެސްޓްރާޒެނެކާވެސް ދެވިދާނެ ކަމަށެވެ.

"ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު މާބަނޑުވި ވަރަށް ބައިވަރު މީހުން އެބަތިބި އިތުރު ޑޯޒެއް ނުޖަހާ. އެފަރާތްތަކަށް ފައިޒާވެސް އެސްޓްރާޒެނެކާވެސް ދެވިދާނެ،" ޖުމައިލަތު ވިދާޅުވިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެއްވެސް ޑޯޒެއް ނުޖަހާ މާބަނޑު މީހުންނަށް އެންމެ ރަނގަޅީ ފުރަތަމަ ޑޯޒްގެ ގޮތުގައި ފައިޒާ ޖެހުން ކަމަށެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގައި ފައިޒާ ވެކްސިން އަލުން ދޭން ފަށާއިރު 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދީންނާއި މާބަނޑު މީހުންނަށް ވެކްސިން ދިނުމުގައި އިސްކަންދޭނެއެވެ.