ކޮވިޑް ވެކްސިން ނުޖަހާ ސަރުކާރު މުވައްޒަފުން ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ވެކްސިން ފުރިހަމަ ނުކުރާ މުވައްޒަފުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮފީހަށް ނުކުންނަން ޖެހޭނީ ޕީސީއާރު ހައްދައި އޭގެ ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކުރެވެންދެން ކޮންމެ 14 ދުވަހަކުން ޕީސީއާރު ހަދައި ނެގެޓިވް ނަތީޖާ ހުޅަހަޅަން ޖެހޭނެ ކަމަށެވެ.
ސީއެސްސީން ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރީން ހުރިހާ މުވައްޒިފުން ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ މުވައްޒިފުންނާ މެދު އެ ސާކިއުލާއާ އެއްގޮތަށް އަމަލު ކުރުމަށްވެސް ވަނީ އަންގައިފައެވެ.
ކޮވިޑް ވެކްސިން ނުޖަހާ ސަރުކާރު މުވައްޒަފުންނަށް ދަތިކޮށްފައިވާ އިރު، ސުކޫލު ޓީޗަރުންގެ ތެރެއިން ވެކްސިން ޖެހުމަށް ދެކޮޅު ހަދާފައިވާ ބައެއް ޓީޗަރުންނަށް މިހާރު ވަނީ ފިޔަވަޅު އަޅައިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސުކޫލުތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ މިމަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތައަށް ވެކްސިންދީ ނިންމާލުމެވެ.