އެމްޑީޕީއަށް ކާމިޔާބު އޮތީ އެންމެން އެއްކޮށް ތިބެގެން ކަމަށާއި އެހެން ނުވެއްޖެ ނަމަ އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މިހާތަނަށްވެސް އެމަނިކުފާނު މަސައްކަތް ކުރެއްވީ އެމްޑީޕީގެ އެތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށާއި ނަމަވެސް ޕާޓީ ހިންގުމުގެ ތެރެއަށް ވަދެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް އެބަހުރި ކަމަށާއި ނަމަވެސް އެމްޑީޕީއަށް ކާމިޔާބު އޮތީ އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
"ހިޔާލު ތަފާތުވުންތައް ހުންނާނެ. އަދި އިންތިހާބެއް ކައިރިވަމުން އަންނައިރުގައި ހުންނާނެ މިކަހަލަ ބައިވަރު ކަންކަން. ސިޔާސީ ބައިވަރު ވިސްނުން ފެންމަތިވެގެން އަންނާނެ. އެގަޑީގައި އަޅުގަނޑުމެން އެކައްޗެއް ގޮތުގައި ކުރަން ޖެހޭ މަސައްކަތް ކުރަންވާނީ. އެމްޑީޕީއަށް އަދިވެސް ކާމިޔާބުވާނީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެން އެއްކޮށް ތިބެގެން. އެހެން ނޫނިއްޔާ އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީއަށް ކާމިޔާބު އޮތީ އެންމެން އެކުގައި ތިބެގެން ކަމަށް ރައީސް ވިދާޅުވި އިރު، އެމަނިކުފާނާ އެންމެ އަރިސް ބޭފުޅާ ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް ސޯލިހާ އެކުގައި ހުރެވެން ނެތް ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެމްޑީޕީގެ ބައެއް ޕީޖީ މެންބަރުންވެސް ވަނީ ރައީސް ސޯލިހަށް ފާޑުވިދާޅުވެ އިސްތިއުފާއަށްވެސް ގޮވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު