އެމެނިކުފާނުގެ ސިޔާސީ މަސައްކަތް ފެއްޓެވީ އެމްޑީޕީގައި ކަމަށާއި ދެމިހުންނާނީ ވެސް އެމްޑީޕީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއް ކަމަށާއި މިއަދުވެސް ހުރީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އެމްޑީޕީ އުފައްދަން ފުރަތަމަ ސޮއި ކުރި މީހުންގެ ތެރޭގައި ދެ ވަނައަށް ސޮއި ކުރެއްވީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ފެށުނީއްސުރެ އެމްޑީޕީގެ މެންބަރެއް. މިއަދުވެސް މިހުރީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި. އެމްޑީޕީ އުފެއްދުމަށް ސޮއި ކުރި ފުރަތަމަ 40 މީހުންގެ ތެރޭގައި ދެވަނައަށް ސޮއި ކުރީވެސް އަޅުގަނޑު. އެމްޑީޕީގެ ކުރިން އުފައްދަން އުޅުނު ޕާޓީ 42 މީހުން ސޮއި ކުރި ލިސްޓްގައިވެސް އަޅުގަނޑުގެ ނަން އޮންނާނެ. އޭރު އަޅުގަނޑު ހުންނެވީ ރައްޔިތުން މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ ޕާޓީ އުފައްދަން މަޖިލީހުގައި ވޯޓް ނެގި އިރު، އެކަމަށް ފެންނަ ކަމަށް ވޯޓު ދެއްވި ތިން މެމްބަރުންގެ ތެރެއިން އެއް މެމްބަރު ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ފެށިގެން އައީ އެމްޑީޕީގައި ކަމަށާއި ދެމި ހުންނާނީ ވެސް އެމްޑީޕީގައި ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރުމުގެ ސިޔާސީ މަސައްކަތް ފެށިގެން އައީ އެމްޑީޕީގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެމިހުންނާނީ ވެސް އެމްޑީޕީގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2008 އިން ފެށިގެން މިހާތަނަށް އުފެދުނު ކޮންމެ ވެރިކަމެއް އުފެދިގެން އައީ އެންމެ ޕާޓީއަކަށް ނިސްބަތްވެގެން ނޫން ކަމަށާއި އެއް ޕާޓީއަކަށް ރައްޔިތުން ވެރިކަމެއް ނުދޭ ކަމަށެވެ. މިއަދުވެސް މިއޮތީ އެގޮތަށް ކަމަށާއި އެހެންކަމުން އެމަނިކުފާނު ވެރިކަން ކުރަމުން ގެންދަން ޖެހޭނީ މި ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މަޝްވަރާއާ އެކީގައި ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ މައްޗަށް އެއީ ހިންގާ ނުފޫޒެއް ނޫން. މަޝްވަރާކުރަން ޖެހޭ ކަންތައްތަކުގައި އަދާލަތާ އެކުގައި ވެސް މަސައްކަތްކުރަން ޖެހޭނެ، ޖުމްހޫރީ ޕާޓީއާއެކު ވެސް މަސައްކަތްކުރަން ޖެހޭނެ، އެމްއާރުއެމްއާ އެކީގައި ވެސް މަސައްކަތްކުރަން ޖެހޭނެ، އެމްޑީޕީއާ އެކީވެސް މަސައްކަތްކުރަން ޖެހޭނެ. އެހެންވީމާ އެއީ އަޅުގަނޑުގެ މައްޗަށް ނުފޫޒު ފޯރުވުމެއް ނޫން. އަޅުގަނޑު ކުރިއަށްއޮތް ތަނުގައި ވެސް މަސައްކަތްކުރަމުން ގެންދާނީ އަޅުގަނޑަށް ވެރިކަމަށް އާދެވިފައި މިހުރި ގޮތް، ރައްޔިތުންނަށް އަޅުގަނޑަށް މި ދިން ފުރުސަތު، އެ ދިން ގޮތް ހިތުގެ އަޑިން ގަބޫލުކޮށްގެން ހުރެގެން، މި ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއާއެކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި މިވަނީ އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންނަށް އަދާލަތު ޕާޓީގެ ބޭފުޅުން ލާފައިވަނީ، އެމްޑީޕީއަށްވުރެ ބޮޑަށް އަދާލަތު ޕާޓީއަށް އިތުބާރު ކުރައްވާތީ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރައްވާ ގޮތުން އެމަނިކުފާނު ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަމަށް ދަންނަވަން ދަތި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވުމާ ގުޅިގެންނެވެ.

އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިއްބަވަނީ އަދާލަތު ޕާޓީގެ ބޭފުޅުން ކަމަށާއި އެބޭފުޅުންގެ ނުފޫޒު ވަރަށް ބޮޑަށް ރައީސް ސޯލިހަށް ފޯރުވަމުންދާ ކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ.