މަގުބޫލު ''ފްރެންޑްސް''ގެ ތަރިން ޖެނިފާ އެނިސްޓަން އަދި ޑޭވިޑް ޝްވިމާ އަސްލުވެސް ރަށްޓެހިވެގެން އުޅޭ ކަމަށް ބޭރުގެ ގިނަ މީޑިއާތަކުން ބުނަން ފަށައިފިއެވެ.
މިއަހަރު ފެނިގެންދިޔަ ފްރެންޑްސް ރީޔޫނިއަންގައި ދެތަރީންވެސް ވަނީ ސީރީސް ކުޅެމުން ދިޔައިރު ދެމީހުންވެސް އެކަކު އަނެކަކަށް ހިތް ކީ ކަމަށް އެއްބަސްވެ، ނަމަވެސް ލޯބީގެ ގުޅުމެއް ގެންގުޅެފައި ނުވާ ކަމަށް ބުނެފައެވެ.
ފްރެންޑްސް ކުޅެމުން ދިޔަ ދުވަސްވަރު ޖެނިފާ އެނިސްޓަން ވަނީ ބްރެޑް ޕިޓް އާއެކު ކައިވެނިކޮށް އަދި އެ ކައިވެނި ނިމިގެން ގޮސްފައެވެ. އެއަށްފަހު ޖަސްޓިން ތުރޯ އާއި ކައިވެނި ކޮށްފައިވާއިރު އެގުޅުންވެސް ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިމުމަކަށް އައިސްފައެވެ. ޑޭވިޑް ވެސް މިހާރު ހުރީ ހުސްކޮށް ކަމަށްވާއިރު ކުރީގެ އަންހެނުން ޒޯއީ އާއެކު ލިބިފައިވާ 10 އަހަރުގެ އަންހެން ކުއްޖަކު ހުރެއެވެ.
ފްރެންޑްސް ރީޔޫނިއަން އަށްފަހު ދެތަރިން ވަނީ ވަގުތުން އެކަކު އަނެކަކާއި މެސެޖުކޮށް ވާހަކަ ދައްކަން ފަށާފައިވާކަމަށް ބައެއް ހަބަރުތައް ބުނެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ޑޭވިޑް ވަނީ ޖެން އާއި ބައްދަލުކުރުމަށް ނިއުޔޯކުން އެލްއޭ އަށް ދަތުރުކޮށް ޖެނިފާ އެނިސްޓަންގެ ގޭގައި މިދުވަސްކޮޅު އުޅެމުން އަންނަކަމުގައި ބައެއް ފަރާތްތަކުން ރިޕޯޓުކުރެއެވެ.
މިގުޅުމާ ގުޅޭ ގޮތުން ރަސްމީކޮށް ދެތަރީންގެ ފަރާތުން އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. ނަމަވެސް މިދެތަރީން ރައްޓެހިވެގެން އުޅޭ ކަމަށް ދެކެވޭ ހަބަރާއެކު ގިނަ ބަޔަކު އަންނަނީ އުފާކުރަމުންނެވެ. ފްރެންޑްސްގައި މިދެތަރީންގެ ކެރެކްޓާ ރެޗެލް އަދި ރޮސް ފެނިގެން ގޮސްފައިވަނީ އެކަކު އަނެކަކު ދެކެ ލޯބިވި ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ގުޅުން ކެނޑެން މެދުވެރިވެގެންދާ ތަނެވެ.
ގިނަ ބަޔަކު ތިބީ މިކަން ދެތަރީންގެ ފަރާތުން ޔަގީންކޮށްދޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. މިވާހަކަތަކާ ގުޅުވައިގެން ގިނަ ބަޔަކު އަންނަނީ އުފާ ފާޅުކޮށް މީމްތައްވެސް ހަދަމުންނެވެ.