ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ގާލްސް ޓު ކޯޑް ކުޅުދުއްފުށި ސީރީޒްގައި ބައިވެރިވާން ރެޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.
ދިރާގުން ބުނީ މިއީ ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމުގެ ތިން ވަނަ ޕްރޮގްރާމް ކަމަށެވެ.
މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ކަމަށާއި މި ޕްރޮގުރާމުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެޗްޓީއެމްއެލް.އާއި ސީއެސްއެސް. އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރުން ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ހުންނާކަށް ނުޖެހެއެވެ.
ދިރާގުން ބުނީ އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގާ މި ޕްރޮގްރާމު ކުރިއަށްދާނީ ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށް ކަމަށެވެ. އަދި މިއީ ހިލޭ ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށްވެސް ބުންޏެވެ.
ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުގައި ފެށި ޓްރެއިނިން ސީރީސްއެކެވެ. މީގެ އެންމެ ފުރަތަމަ ޕްރޮގްރާމު ބޭއްވުނީ ފުވައްމުލަކު ސިޓީގައެވެ. އަދި މި ޕްރޮގްރާމްއަށް ލިބުނު ތަރުހީބުގެ ސަބަބުން މިއަހަރުގެ ޖެނުއަރީ މަހު މި ސީރީސްގެ ދެވަނަ ޕްރޮގްރާމް ގދ. ތިނަދޫގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
ކުޅުދުއްފުށިން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން https://bit.ly/girlstocodemv2021 މި ލިންކު މެދުވެރިކޮށް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެކުންފުނިން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު