މަސްތުގެ ހާލަތުގައި ހުރި އިންޑިއާ ޒުވާނަކު ދިވެހި ޑެކްސީ ޑްރައިވަރަކަށް ހަމަލަދީ މަރާލުމަށް މަސައްކަތް ކޮށްފި އެވެ.

އެ ހާދިސާ ހިނގާފައިވަނީ ރޭ ހުޅުމާލޭގެ ނިރޮޅު މަގުގަ އެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް އަމާޒުކޮށް ފުރާނައަށް ނުރައްކާ ވާ ފަދަ ހަމަލާތަކެއް ދޭން އުޅުނު މައްސަލައެއް ރޭ 12:33 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން 25 އަހަރުގެ އިންޑިއާ ޒުވާނަކަ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މަސްތުގައި ހުރި އެ ޒުވާނާ ޓެކްސީ ޑްރައިވަރަށް ހަމަލަދީ އޭނާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ޓެކްސީ ޑްރައިވަރުގެ ކަރުގައި އޮޅުމުން ދުއްވަމުންދިޔަ ޓެކްސީ ކޮންޓްރޯލުން ނައްޓައި މަގުގައި ހުރި ސައިކަލްތަކަކަށް ވަނީ އަރާފަ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން ވަނީ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރެއްގެ ކަރަށް ވަޅި ހަރައި މަރާލައިފަ އެވެ. އެ ހާދިސާ ހިނގާފައިވަނީ ޓެކްސީ ޑްރައިވަރުގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ.