ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތަޢުލީމީ ނިޒާމުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ހުޅުމާލޭ ރެހެންދި ސްކޫލްގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށްވާ، މީހުން ބިނާކުރުމުގެ އަމަލީ މަސައްކަތް ތަންފީޒު ކޮށްދެއްވާ ފަރާތްތަކަކީ ޓީޗަރުން ކަމަށާއި އޭގެ އިތުރުން، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

"މުޖުތަމައަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށްވާ ހަރުކަށި ފިކުރު ފެތުރުމާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮވިޑާއި ގުޅިގެން ނިމިގެން ދިޔަ ދިރާސީ އަހަރުގެ ގިނަ ދުވަސްތަކެއްގައި، ދަރިވަރުން ތިބެން ޖެހުނީ ސްކޫލަށް ދާނެ ފުރުސަތެއް ނުލިބިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މިއަދު ލިބުނު ފުރުސަތުގެ ބޭނުން ހިފައި ހުރިހާ ދަރިވަރުންވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިއަށް ގެންދަންވީ އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކުގައި ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މި ފެށި ދިރާސީ އަހަރަކީ، ދަރިވަރުންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއް ކަމަށް އުންމީދުކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.