ފުލުހުންގެ ހިދުމަތުގެ އިސްލާހަށް އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރަން ފުލުހުންގެ ބޯޑުން ނިންމައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކި ކުރުމަށް ފުލުހުންގެ ބޯޑުން މިއަދު ވަނީ ނިންމައިފައެވެ. އަދި އެކަން ތަންފީޒު ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ނަންތައް ވަނީ ފޮނުވައިފައެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ލީޑަޝިޕްގައި ތިއްބަވަނީ ގާބިލު ބައެއްތޯ ފުލުހުންގެ ބޯޑުން ކަށަވަރުކުރަން ޖެހެއެވެ. އަދި އެކަން ކުރަން އަންގާފައި އޮންނަނީ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ. މިއަދަށް އެ މުއްދަތު ވަނީ ހަމަވެފައެވެ.
- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
- އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
- އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބަލަން ޖެހޭނެއެވެ.
އަދި އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަގާމަށް އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ގޮތެއް ޕޮލިސް ބޯޑުން ކަނޑައެޅަން ޖެހޭނެއެވެ.
އެކަމާ ގުޅިގެން ޕޮލިސް ބޯޑުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނުން ޕޮލިސް ބޯޑާ ހަވާލުކޮށްފައިވާ އެއް މަސްއޫލިއްޔަތަކީ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުންނަކީ މަގާމަށް އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ގޮތެއް ކަނޑައެޅުން ކަމަށެވެ.
އެގޮތުން އޮފިސަރުންގެ ގާބިލުކަން ވަޒަން ކުރުމަށް ކުރި މަސައްކަތަށް ކަނޑައެޅިފައިވާ ތާރީހަށް މަސައްކަތް ނިންމުމަށްފަހު، ގާނޫނުގައިވާ ގޮތުގެ މަތީން އެކަން ތަންފީޒު ކުރުމަށް ސީޕީ ހަމީދަށް މިއަދު ހުށަހަޅާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު