ވެކްސިން ނުޖަހާ ޓީޗަރުން ވަޒީފާއިން ވަކިކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވި ކަމަށް ބުނާ ވާހަކަ މިނިސްޓްރީން ދޮގުކޮށްފިއެވެ.

ސްކޫލުތަކުގެ ޕްރިންސިޕަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ވެކްސިން ނުޖަހާ ޓީޗަރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަމެއް ކަމަށް ބަލައި ވަޒީފާއިން ވަކިކުރާނެ ކަމަށް ޕާމަނަންޓް ސެކްރެޓަރީ އަހުމަދު ވިދާޅުވި ކަމަށް އޮންލައިން ނޫހަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެ ހަބަރާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށާއި އެއްވެސް ބައްދަލުވުމެއްގައި ޕީއެސް އަދި މިނިސްޓްރީގެ އެއްވެސް ބޭފުޅަކު ވެސް އެ މޭރުމުން ވާހަކަދައްކާފައި ނުވާ ކަމަށެވެ.

ޕީއެސް އަހުމަދު މިރޭ ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ އެކަން ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ވެކްސިން ނުޖަހާ މުވައްޒަފުން ވަކިކުރާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި އެފަދަ ނިންމުމެއް ވެސް ނިންމާފައި ނުވާ ކަމަށެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ވެކްސިން ޖެހޭ އުމުރުގެ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ އެއްވެސް ދަރިވަރެއް، ބެލެނެވެރިއެއް އަދި ޓީޗަރަކަށްވެސް ސްކޫލަށް ނުވަދެވޭނެ ކަމަށެވެ. އަދި މީގެ ތެރޭގައި ސްކޫލުގެ އެހެނިހެން މުވައްޒަފުންވެސް ހިމެނެއެވެ.

މިދިޔަ އާދީއްތަ ދުވަހު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ ސްކޫލް ހުޅުވެންވާއިރަށް ދަރިވަރުންނާއި އެންމެ ކައިރިން މަސައްކަތްކުރާ ހުރިހާ މުވައްޒަފުން މަދުވެގެން އެއް ޑޯޒްވެސް ފުރިހަމަ ކޮށްގެން ސްކޫލަށް ހާޒިރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިހާތަނަށް 96 ޕަސެންޓް ޓީޗަރުން މިހާރު ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށާއި ގިނަ އަދަދެއްގެ ޓީޗަރުން ދެވަނަ ޑޯޒްވެސް ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.