ގައުމު ރަނގަޅަށް ހިންގެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސަރުކާރު ކޯލިޝަނުން ހުރަސް އަޅަމުންގެންދާ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ކްލަބް ހައުސްގައި އާޒިމް މިރޭ ވިދާޅުވީ މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށާއި މިއީ ކޯލިޝަންގެ ސަރުކާރެއް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ފިކުރާއި އެމްޑީޕީ ދެކޭ ގޮތާއި އެމްޑީޕީގެ މެނިފެސްޓޯ ހިންގުމުގެ ފުރުސަތެއް ރައީސް ސޯލިހަށް އެހާ ރަނގަޅަކަށް ލިބިގެން ނުދާ ކަމަށް ވިދާޅުވިއެވެ.
"ރައީސް ސޯލިހަށް އެހާ ރަނގަޅަކަށް ފުރުސަތެއް ލިބިގެން ނުދޭ އެމްޑީޕީގެ ފިކުރު، އެމްޑީޕީ ދެކޭ ގޮތް، އެމްޑީޕީގެ މެނިފެސްޓޯ ހިންގުމުގެ ފުރުސަތެއް އެއްކަލަ ކޯލިޝަން އެދިފައި އޮތް ގޮތުން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކޯލިޝަންގެ ސަބަބުން ރައީސް ސޯލިހަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން ކޯލިޝަންގެ 60 ޕަސެންޓަކީ އެމްޑީޕީއާ ދެކޮޅު ބައެއް ކަމަށާއި އެކަމުގެ ސަބަބުން ރައީސަށް ކަންކަން ކުރައްވަން ދަތި އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކޯލިޝަންގައި މި ތިއްބަވާ 60 ޕަސެންޓް ފަރާތްތަކަކީ އެމްޑީޕީއާ އިދިކޮޅު ފަރާތްތައް އެހެންވީމަ ކަންކަން ކުރަން އެބަ އުނދަގޫވޭ. ދަތިވޭ. ރައީސް ސޯލިހަށް ވީ އެންމެ ރަނގަޅަކަށް މި ރާއްޖެ ހިންގޭތޯ އެބަ މަސައްކަތްކުރޭ. އެކަމަކު ކޯލިޝަން ތެރެއިން އެކަން ވިޔަކަ ނުދޭ،" އާޒިމް ވިދާޅުވިއެވެ.
އެންމެ ރަނގަޅަށް ރާއްޖެ ހިންގުމަށް ކޯލިޝަނުން ބޭނުންވާ ސަބަބުވެސް އާޒިމް ވަނީ ހާމަ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ކޮންމެ ސިޔާސީ ޕާޓީއެއްގެ ވިސްނުމަކާއި ފިކުރަކަށްވެސް ވެފައި އޮތީ ވެރިކަމަށް އައުން ކަމަށެވެ. އެހެންކަމުން އެމްޑީޕީ އަލުން ވެރިކަމަށް ގެންނަން އެބޭފުޅުން ބޭނުން ނުވާ ކަމަށާއި އެކަން ނުވާނޭ ގޮތަށް ކެބިނެޓް ތެރޭގައި ބާރު ހިންގައިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ވަރަށް ދަތި އަދި އުނދަގޫ ތަނެއްގައި ހުންނަވައިގެން ކަމަށާއި ނަމަވެސް މި ރާއްޖެ ރަނގަޅު ދިމާލަށް ގެންދިއުމަށްޓަކައި ރައީސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ކޯލިޝަން ނޫން ގޮތެއް މި ރާއްޖޭގައި ވެރިކަން ކުރުމަށް ހޯދަން ޖެހޭ ކަމަށާއި މި ގައުމު އެންމެ ރަނގަޅު ގޮތުގައި ހިންގޭނީ ކޯލިޝަން ނޫން ގޮތަކަށް ވެރިކަން ކުރުމުގެ ފުރުސަތު ލިބިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު