މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭވެސް ހަ ގަޑިއިރަށް ފެނުގެ ހިދުމަތް ކެނޑޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެެވެ.

ހިދުމަތް މެދުކެނޑޭނީ ހަނދުވަރީ ހިނގުމާއި ޝާއިއު ވަރުދީ މަގާ ދެމެދުން މުނިޔާ މަގުގައި ހިމެނޭ ގޭބިސީތަކުން މިރޭ 11:00 އިން ފަތިހު 5:00 އަށެވެ. އެ ސަރަހައްދުން ރޭވެސް ވަނީ އެ ގަޑިތަކުގައި ފެނުގެ ހިދުމަތް މެދުކަނޑާލައިފައެވެ.

އެ ވަގުތުތަކުގައި ފެނުގެ ހިދުމަތް މެދުކަނޑާލަނީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކުރިއަށްގެންދާ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ މުނިޔާ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލުން އަޅާފައިވާ ފެން ހޮޅި ގުޅުވައިލުމުގެ މަސައްކަތް ކުރުމަށެވެ.

ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިޔުއެސްސީން ވަނީ މައާފަށް އެދިފައެވެ.

ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ބައެއް މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލައިފައިވެއެވެ.