ޚަބަރު

ކައުންސިލްތަކަށް އެސްޖީން އައައްޔަނު ކުރަން އަންނަ މަހު ފެށޭނެ: ސީއެސްސީ

މުއާވިޔަތު އަންވަރު

ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަނު ކުރަން އަންނަ މަހު ފެށޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

ސީއެސްސީގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ ސައީދު 'ވަން' އަށް މިއަދު ވިދާޅުވީ، ކައުންސިލްތަކުގެ އެސްޖީން ހޯދުމަށް އިއުލާނު ކުރުމުން ހުރިހާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް މީހުން ކުރިމަތިލި ކަމަށާއި އެހެން ނަމަވެސް ބައެއް ރަށު ކައުންސިލްތަކަށް މީހުން ކުރިމަތިލާފައި ނުވާ ކަމަށެވެ.

ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އިންޓަވިއު ކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން ވަރަށް އަވަހަށް ކުރިއަށް ގެންދާނެކަން ފާހަގަކުރައްވައި އަބްދުﷲ ސައީދު ވިދާޅުވީ، މި މަސް ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އޭގެ ފަހުގައި އެއްވެސް މައްސަލައެއް ހުރިތޯ ބެލުމަށް ނަތީޖާ އިއުލާނު ކުރުމަށްފަހު ތިން ދުވަހާއި ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ސީއެސްސީގެ ނިންމުން ކައުންސިލްތަކަށް ފޮނުވާނެ ކަމަށް އަބްދުﷲ ސައީދު ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގެ ލަފަޔާއި އެކު އެސްޖީން އައްޔަނު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ލަފާކުރެވެނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެސްޖީން އައްޔަނު ކުރަން ފެށޭވަރު ވާނެ ކަމަށް،" އަބްދުﷲ ސައީދު ވިދާޅުވި އެވެ.

އެސްޖީންނަށް ހޮވޭ ހުރިހާ ފަރާތްތައް އެއްފަހަރާ އައްޔަނު ކުރުމަށް ދަތިތަކެއް ހުންނާނެ ކަން ފާހަގަ ކުރައްވައި އަބްދުﷲ ސައީދު ވިދާޅުވީ، ވަޒީފާތަކުގައި ތިބި ފަރާތްތައް އައްޔަނު ކުރެވޭނީ އެ މީހަކު އެ އަދާކުރާ ވަޒީފާއަކުން ވަކިވުމުން ކަމަށެވެ.

ރަށު ކައުންސިލްގެ އެސްޖީގެ މުސާރައަކީ މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800ރ. އެވެ. އަތޮޅު ކައުންސިލްގެ އެސްޖީގެ މުސާރައަކީ މަހަކު 12،130ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. އެވެ. އަދި ސިޓީ ކައުންސިލްގެ އެސްޖީގެ މުސާރައަކީ މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ.