ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ކެޕްޓަން އީތަން އިބްރާހިމް ޒަކީގެ ވީޑިއޯ ކޮޅަކާއެކު ކޮށްފައިވާ ޓުވީޓަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ތަރި މާކަސް ރަޝްފޯޑުގެ ސަމާލުކަން ހުއްޓިއްޖެއެވެ.
ޓުވިޓާގައި އަލްމާ އަލީލް ހިއްސާކުރި ޕޯސްޓެއްގައި ލިޔެފައިވަނީ އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމުގެ އުއްމީދުގައި ހުރި އުމުރުން 12 އަހަރުގެ އީތަންއަށް މެންޗެސްޓާ ޔުނައިޓެޑްގެ ތަރި މާކަސް ރަޝްފޯޑްގެ ހަޔާތާ ބެހޭ ފޮތެއް ލިބިގެންދިއުމަކީ އެ ފޮތުގެ އެހީގައި އެންމެ މޮޅު ކުޅުންތެރިއަކަށް ވުމަށް އީތަން ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ. އެ ޓުވީޓްގައި ވަނީ އަރަމުން އަންނަ ޖީލަށް ޓަކައި އެ ފަދަ ފޮތެއް ނެރުމަށް ކުރި މަސައްކަތަށް ރަޝްފޯޑަށް ޝުކުރު އަދާކޮށްފައެވެ. އެ ޓުވީޓަށް ރަޝްފޯޑްގެ ރަސްމީ ޓުވިޓާ އެކައުންޓުން ވަނީ ޖަވާބު ދީފައެވެ. ރަޝްފޯޑް ވަނީ އެ މަންޒަރު ހިއްސާކުރީތީ އުފާކުރާ ކަމަށް ބުނެފައެވެ.
އެފްއޭއެމް ފައުންޑޭޝަންގެ އެންމެ ހަގު އެމްބަސަޑަރުގެ ގޮތުގައި ހުރި އީތަން އަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލުގެ ގޮތުގައި ގިނަ ބަަޔަކު ފާހަގަކުރެ އެވެ. އެއީ އީތަންގެ ފަރާތުން ޒުވާން އުމުރުގައި ފެންނަ އާދަޔާ ހިލާފު މޮޅު ކުޅުމުގެ ސަބަބުންނެވެ.
ކުރިން ނިއު ރޭޑިއަންޓް އެކެޑަމީ އާއި ޓީސީ ސްޕޯޓްސް އެކެޑަމީގައި ތަމްރީނުތައް ފުރިހަމަ ކުރި އީތަން މިހާރު ތަމްރީނުވަމުން އަންނަނީ ކްލަބް ވެލެންސިއާގެ އެކެޑަމީގައެވެ. މިދިޔަ އަހަރު ދުބާއީގައި ބޭއްވި އިންޓަ ކޮންޓިނެންޓަލް މުބާރާތުގައި ގައުމީ 13 އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން އީތަން ވަނީ ދުނިޔޭގެ މަޝްހޫރު ޓީމުތަކާ ކުޅެފައެވެ. އޭގެ ތެރެއިން އީތަން އަށް ހާއްސަ ތަޖުރިބާ އަކީ އާސެނަލާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗެވެ. އެ ދުވަހު ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީވެސް އީތަންއެވެ.
އޭގެ އިތުރުން އީތަން ވަނީ 2019 ވަނަ އަހަރު ޓޫރިޒަމް ދުވަހު ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނި ދުބާއީގައި ސްޕެއިނުގެ ކުރީގެ ޑިފެންޑަރު މިޝެލް ސަލްގާޑޯ ހިންގާ އެކެޑަމީގައި ތަމްރީން ހެދުމުގެ ފުރުސަތު ހޯދައިފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ޑިސެމްބަރުގައި ޓީސީ އެކެޑަމީއާ އެކު ތައިލެންޑް އިންޓަނޭޝަނަލް ޔޫތު ކަޕްގައި ކުޅެ ރިހި މެޑަލް ހޯދި ޓީމުގައި ވެސް އީތަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ސްޕެއިނުގެ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން ކުރިއަށް ގެންދިޔަ ވާޗުއަލް ކޭމްޕްގެ ބެޗްގެ މަތީ ވަނައެއް ހޯދައި ސްޕެއިނަށް ޓްރެއިނިން ކޭމްޕަކަށް ދިއުމުގެ ފުރުސަތެއް ވެސް އީތަން ހޯދިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު