ތިލަފުށީ ފަޅުން 130 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ސުހައިލް މިރޭ ވިދާޅުވީ، ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ ދަށުގައި ހިމެނޭ ތިލަފުށި މިހާރު އެޗްޑީސީގެ މެންޑޭޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ތިލަފުށީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތިލަފުށި ތަރައްގީ ކުރާނީ މާލެ ސަރަހައްދުގެ އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ކަމަށެވެ. އަދި ކުރިންވެސް އެރަށް ތަރައްގީ ކުރަމުން އައީ އެގޮތަށް ކަމަށާއި ނަމަވެސް އެޗްޑީސީން އެ މަސައްކަތް ކުރިއަށް ގެންދާނީ ކުރިއަށްވުރެ އޮގަނައިޒްކޮށް ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ތިލަފުށީ ފަޅުން މިހާރު ހިއްކާފައިވާ 110 ހެކްޓަރުގެ އިތުރުން 130 ހެކްޓަރުގެ ބިން އަލަށް ހިއްކުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ސުހައިލް ވިދާޅުވިއެވެ.
"މިހާރު ތިލަފުށީގައި ހިއްކާފައި އިނީ 110 ހެކްޓަރު. އަލަށް ހިއްކާ ބައިގައި 130 ހެކްޓަރު. ތިލަފުށީގެ މެދުގައި އެބަ އިނދޭ ފުން ބައެއް. އެބައިގެ ވަރަށް ކުޑަ ތަންކޮޅެއް އަޅުގަނޑުމެން މި ބޭނުން ކުރަނީ. އެ އިންނަ ލެގޫންގެ ވަށައިގެން ހިއްކާލީމާ 130 ހެކްޓާ އެބަވޭ،" ސުހައިލް ވިދާޅުވިއެވެ.
ސުހައިލް ވިދާޅުވީ އަލަށް ހިއްކާ ސަރަހައްދު ހާއްސަ ކުރެވޭނީ އިންޑަސްޓްރިއަލް އޭރިއާގެ ގޮތުގައި ކަމަށާއި މެނުފެކްޗަރިން ކަންކަމަށްވެސް އެ ސަރަހައްދުން ބިން ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ނެޗްރަލް ގޭސް ބޭނުންކޮށްގެން ކަރަންޓް އުފައްދަން ބޭނުންވާ ބިމެއްގެ އިތުރުން ފުނަދޫގެ ތެޔޮ ރައްކާ ކުރާ ސްޓޯރޭޖްވެސް އެތަނަށް ބަދަލު ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ސުހައިލް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އެގޮތުން ސިނާއީ މަސައްކަތްތަކަށް 30 ހެކްޓަރުގެ ބިން ހަ މަސް ތެރޭގައި ހިއްކުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން 100 ހެކްޓަރު ދޮޅު އަހަރު ތެރޭގައި ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސުހައިލް ވިދާޅުވީ ބިން ހިއްކުމާ ގުޅިގެން ތިމާވެއްޓަށް އަންނާނެ ބަދަލުތައް ބެލުމަށް އީއައިއޭ ހެދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އީއައިއޭގައި ހުރި ކަންކަމަށް ބެލުމަށްފަހު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު