ހާއްސަ މާއްދާތައް ކިޔަވައިދިނުމަށް ކުދި ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް ހާއްސަ އެލަވެންސެއް ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭނެ ދިވެހި ޓީޗަރުން ނުލިބުމާ ގުޅިގެން ސަރުކާރުން ވަނީ އިންޑިއާ އިން ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން ގެނެސްފައެވެ.
ކެރެލާއިން ފަސް އަރަބި ޓީޗަރުންނާއި ގުރުއާން ފަސް ޓީޗަރުން ގެނެސްފައިވަނީ އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނުކޮށް، ޓީޗަރުން ނުލިބުމުން ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާލޭ އާއި ބޮޑެތި ސިޓީތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ގިނަ ކަމަށެވެ. ނަމަވެސް ކުދި ރަށްތަކަށް ކިޔަވައިދޭން ބަދަލުވާނެ ޓީޗަރުން ނުލިބޭ ކަމަށެވެ. އެގޮތުން އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހުއްދަ ދެއްވައިފި އަޅުގަނޑުމެންގެ އެދުމަކަށް އެހެން ރަށަކަށް ގޮސްގެން ކިޔަވައިދޭ މުދައްރިސަކަށް ވެއްޖިއްޔާ އިތުރު އެލަވަންސް އެ ބޭފުޅަކަށް ދޭން. މިހާރު އެކަން ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޓީޗަރުން ތަމްރީނު ކުރުމަށް ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މަހު މުދަރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ބުރުގައި 200 މުދައްރިސުން ތަމްރީނު ކުރަން ނިންމާފައިވާ ކަމަށާއި ހާއްސަކޮށް ގުރުއާން މުދައްރިސުން ބޭނުންވާ ރަށްރަށަށް އިސްކަން ދީގެން އެ ރަށްތަކުގައި މި ޕްރޮގްރާމު ހިންގުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ގުރުއާނާބެހޭ މަރުކަޒުތަކާ ގުޅިގެންނެވެ.
އޭގެ އިތުރުން ކުރިއަށް އޮތް 10 އަހަރަށް އެކި ދާއިރާތަކުން ބޭނުންވާ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު