ޚަބަރު

އައިޔޫއެމްގެ ޑެޕިއުޓީ ވައިސްޗާންސެލަރުންގެ މަގާމަށް އަލުން މީހުން ނަގަން އަމުރުކުރާނެ ތަނެއް ނެތް: ޓްރައިބިއުނަލް

އިބްރާހިމް ޒަކީ

އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސްޗާންސެރުންގެ މަގާމަށް މީހުން ނަގާފައި ވަނީ، ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ މަގާމުތަކަށް މީހުން ނެގުމުގެ މަރުހަލާއެއް އަލުން ކުރިއަށް ގެންދިއުމަށް އިސްލާމިކް ޔުނިވަސިޓީގެ މައްޗަށް އަމުރު ކުރާނެ ހަމައެއް ނެތްކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

ޓްރައިބިއުނަލުން މިގޮތަށް ކަނޑައެޅީ، އިސްލާމިކް ޔުނިވަސިޓީގެ ތިން ޑެޕިއުޓީ ވައިސްޗާންސެލަރުންގެ މަގާމަށް މީހުން ނަގާފައި ވަނީ، ވަޒިފާއާ ބެހޭ ގާނޫނާއި އިސްލާމިކް ޔުނިވަސިޓިގެ ވަޒީފާއާބެހޭ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސ. ހިތަދޫ ފުއްޓަރު ޑރ.އަހުމަދު އަދީލް ނަސީރު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

އިސްލާމިކް ޔުނިވަސިޓީއަށް ތިން ޑެޕިއުޓީ ވައިސްޗާންސެލަރުން ނެގުމަށް ކުރި އިއުލާނާ ގުޅިގެން އެ މަގާމަށް ޑރ.އަހުމަދު އަދީލް ނަސީރު ވެސް ކުރިމަތި ލެއްވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ޑެޕިއުޓީ ވައިސްޗާންސެލާ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަގާމާއި، ޑެޕިއުޓީ ވައިސްޗާންސެލާ އެކަޑަމިކް އެފެއާޒްގެ މަގާމާއި، ޑެޕިއުޓީ ވައިސްޗާންސެލާ ރިސާޗް އެންޑް އިނޮވޭޝަންގެ މަގާމެވެ.

މި މަގާމުތަކަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެކުލަވާލާފައިވާ އިންޓަވިއު ޕެނަލް ރިޕޯޓުގައި ބުނެފައި ވަނީ، ޑެޕިއުޓީ ވައިސްޗާންސެލާ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަގާމުުގައި ހުންނެވި މ. ވެލަގެލި މުހައްމަދު މާދިހު ޝަރީފް އެ މަގާމަށް ހޮވުނީ، އިންޓަވިއުން 91 ޕަސެންޓާއެކު އެންމެ މަތިން މާކްސް ލިބުނު މީހާގެ ގޮތުގައި ކަމަށެވެ. އެ މަގާމަށް ވާދަކޮށްގެން ޑރ.އަހުމަދު އަދީލް ނަސީރަށް ލިބުނީ 71.58 މާކްސް އެވެ. އެއީ ހަތަރުވަނަ އެވެ.

ޑެޕިއުޓީ ވައިސްޗާންސެލާ އެކަޑަމިކް އެފެއާޒްގެ މަގާމަށް އެއްގަމުގެ ބ.ކެންދޫ، ޑރ.ސައުދުﷲ އަލީ ހޮވުނީ، 90.32 މާކްސް ލިބިގެންނެވެ. އެ މަގާމަށް ވާދަކޮށްގެން ޑރ.އަހުމަދު އަދީލް ނަސީރަށް ލިބުނީ 66.76 ޕަސެންޓެވެ. އެއީ އިންޓަވިއު ކުރި ފަރާތްތަކުގެ ތެރެއިން ތިން ވަނަ އެވެ. އަދި ޑެޕިއުޓީ ވައިސްޗާންސެލާ ރިސާޗް އެންޑް އިނޮވޭޝަންގެ މަގާމު، 85.24 ޕަސެންޓް ހޯދައިގން މ.ވައިޓްބެލް، ޑރ. ދީބާ މޫސާއަށް ލިބުނުއިރު، އެ މަގާމަށް ވާދަކޮށްގެން ޑރ.އަހުމަދު އަދީލް ނަސީރަށް ލިބިފައިވަނީ 66.28 ޕަސެންޓެވެ. އެއީ ތިން ވަނައަށް އެންމެ ގިނަ މާކްސް ލިބުނު މީހާގެ ގޮތުގައެވެ.

މިކަމާ ގުޅިގެން ޑރ.އަހުމަދު އަދީލް ނަސީރު ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ވަނީ، އެ ޔުނިވަސިޓީގެ ތިން ޑިޕިއުޓީ ވައިސްޗާންސެރާގެ މަގާމަށް ނެގުމުގައި ޑރ.އަހުމަދު އަދީލް ނަސީރާއި އެމަގާމަށް ކުރިމަތިލި އެހެން ފަރާތްތަކާމެދު ތަފާތުކުރުންތައް ގެންގުޅެފައިވާ ކަަމަށާއި އެ މަގާމުތަކަށް މީހުން އައްޔަން ކޮށްފައި ވަނީ، އިސްލާމިކް ޔުނިވާސިޓިގެ ވަޒީފާއާބެހޭ ގަވާއިދާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށްވާތީ، އެ ތިން މަގާމަށް މީހުން އައްޔަން ކުރުމުގެ މަަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ވަޒީފާއާބެހޭ ގާނޫނާއި އިސްލާމިކް ޔުނިވާސިޓިގެ ވަޒީފާއާބެހޭ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ހަމަހަމަކަން ގެއްލި ނުފޫޒާއި ތައައްސުބު ހިމެނޭ ގޮތަށް ވަކި ބަޔަކަށް ފަހިވާ ގޮތަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ގާނޫނުތަކާއި ގަވާއިދުތަކާއި، އެއްގޮތްވާ ގޮތުގެ މަތިން، ހަމަހަމަ ކަމާއެކު ދެފުށް ފެންނަ ގޮތަށް، ނުފޫޒާއި ތައައްސުބުން އެއްކިބާވެފައިވާ ހަރުދަނާ އުސޫލުތަކެއްގެ މަތިން ޑެޕިއުޓީ ވައިސްޗާންސެލަރުންގެ މަގާމުތަކަށް މީހުން ނެގުމުގެ މަރުހަލާއެއް އަލުން ކުރިއަށް ގެންދިއުމަށް އިސްލާމިކް ޔުނިވާސިޓީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައެވެ.

މި މައްސަލަ ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނެފައިވަނީ، އެ މައްސަލައިގައި ހިލާފު އުފެދިފައި ވަނީ، އިސްލާމިކު ޔުނިވަސިޓީން އިއުލާން ކޮށްފައިވާ ޑެޕިއުޓީ ވައިސް ޗާންސެލާގެ މަގާމަށް މީހުން ހޮވުމުގައި ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުން ގެންގުޅެފައިވާތީ ކަމަށް، ޑރ.އަހުމަދު އަދީލް ނަސީރުގެ ފަރާތުން ބަޔާން ކުރާ މައްސަލައިގައެވެ.

ވަޒީފާއެއް އަދާކުރަން ބޭނުންވާ ތައުލީމީ ފެންވަރާއި، ހުނަރާއި، ތަޖުރިބާ އާއި އަދި އެނޫންވެސް، މަސައްކަތާ ސީދާ ގުޅުން ހުރި ކަންތައްތަކުގެ މައްޗަށް ބެލުމަކީ، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް ކަމަށް ނުބެލެވޭނެ ކަން، ގާނޫނުން އެނގެން އޮންނަ ކަމަށް ޓްރައިބިއުނަލުން ބުނެފައިވެ އެވެ.

އެކަންތައްތަކަށާއި ހައިކޯޓުގެ ކަމާބެހޭ ގަޒިއްޔާއަށް ރިއާޔަތްކޮށް ޑރ.އަހުމަދު އަދީލް ނަސީރާއި އެ މަގާމަށް ކުރިމަތިލި އެހެން ފަރާތްތަކާ ތަފާތުކޮށްފައި ވަނީ ކޮން ދާއިރާއަކުން، ކޮން ގޮތަކަށް ކަން ސާފުކޮށްދެވިފައި ނުވާތީ، އެ ޔުނިވަސިޓީގެ ތިން ޑިޕިއުޓީ ވައިސްޗާންސެލަރުންގެ މަގާމަށް މީހުން ނެގުމުގައި ޑރ.އަހުމަދު އަދީލް ނަސީރާއި އެމަގާމަށް ކުރިމަތިލި އެހެން ފަރާތްތަކާ މެދު ވަޒިފާއާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދައިން ތަފާތު ކޮށްފައިވާ ކަމަށް ބުރަވެވެން ނެތަތީ، މި މައްސަލައިގައި ޑރ.އަހުމަދު އަދީލް ނަސީރުގެ ފަރާތުން އެދިފައިވާ ފަދަ އަމުރެއް އިސްލާމިކް ޔުނިވާސިޓިގެ މައްޗަށް ކުރާނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެއްލެވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށްވެސް އެ ނިންމުމުގައި ބުނެފައިވެއެވެ.