އެމްޑީޕީ އުފެއްދުމަށްޓަކައި ރައީސް މުހައްމަދު ނަޝީދާއެކު އެންމެ ގާތްކޮށް މަސައްކަތްކުރި އަދި އެޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރި މީހުންގެ ތެރޭގައި ހިމެނޭ، ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެ ޕާޓީން ވަކިކޮށްފިއެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މައްސަލަ ބެލުމަށްފަހު ޕާޓީން އޭނާ ވަކިކުރުމާ ގުޅިގެން ޝުއައިބު ވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއްވެސް ފޮނުވައިފައެވެ.
އެ ސިޓީގައި ޝުއައިބު ބުނެފައި ވަނީ، އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާ ކޮމިޓީއަށް މައްސަލަ ހުށަހެޅީ ޕާޓިގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ސިޔާސީ ދެބަސްވުން ހުރިކަމަށް ހާމަކުރުމުން ކަމަށެވެ.
އެކަން މައްސަލައެއްގެ ގޮތުގައި ބަލަން ވާނީ ހަގީގަތާ ހިލާފަށް ދެއްކި ވާހަކައަަކަށްވާނަމަ ކަަމަށްވެސް ބުނެފައިވެއެވެ.
ޕާޓީގެ މެންބަރެއްގެ ގޮތުގައި އޭނާއަށް ވިސްނޭ އެއްޗެއް ހާމަ ކުރުމަކީ ދިވެހި ރައްޔިތެއްގެ ގޮތުންނާއި ޕާޓީގެ މެންބަރެއްގެ ގޮތުން ލިބޭ ހައްގެއް ކަމަށްވެސް ބުނެފައިވެއެވެ.
އޭނާއަށް ފުރަތަމަ އެޅި ފިޔަވަޅު ފާހަގަކޮށް ޝުއައިބުގެ ސިޓީގައި ބުނެފައި ވަނީ، އޭނާގެ މައްސަލަ ފިޔަވަޅުއަޅާ ކޮމިޓީން ބަލަން ފެށުމުން އެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހިމެނޭތީ ކޮމިޓީން ތަނާޒުލުވި ކަމަށާއި، ނަމަވެސް ޖަވާބުދާރީވުމަށް ފުރުސަތު ނުދީ ވަގުތުން ވަގުތަށް އެ ކޮމިޓީގެ ނާއިބު މުގައްރިރު ކަމުންނާއި ކޮމިޓީގެ މެންބަރުކަމުން އޭނާ ވަކިކުރި ކަމަށެވެ.
އޭގެ ފަހުން އެކި ފަހަރު އޭނާ ކޮމިޓީއަށް ހާޒިރުކޮށް ޖަބާބުދާރީވުމަށް އެންގުމުން ކޮމިޓީއަށް ހާޒިރުވެ މެންބަރުންނާ ވާހަަކަ ދައްކާފައިވާ ކަމަށްވެސް ބުނެފައިވެއެެވެ. އަދި އޭނާ ކޮމިޓީން ވަކި ކުރީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ތިން ކާޓޫނެއް ކުރަހައި ސޯޝަލް މީޑިއާގައި އާއްމުކުރިކަމަށް ބުނާ މައްސަލައިގައި ޕާޓީގެ އަގު ވެއްޓި ޕާޓީއަށް ގެއްލުން ލިބޭތީކަން އެ ކޮމިޓީގެ މުގައްރިރު ޝިފާޒު މުގައްމަދުގެ ފަރާތުން ފަހުން އެނގުނު ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް އޭނާ ޕާޓީން ވަކިކުރި މައްސަލައަކީ، ޕާޓިގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ސިޔާސީ ދެބަސްވުން ހުރިކަމަށް ހާމަކުރުން ކަމަށް ވާއިރު، އޭނާ ޕާޓީން ވަކި ކުރުމުގެ ކުރިން އެ ވާހަކައަކީ ހަގީގަތެއްކަން ހާމަވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޕާޓީން އޭނާ ވަކިކުރި ދެވަނަ ސަބަބެއް ކަމަށް އޮތީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރި ކަމަށް ބުނާ މައްސަލަ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި، މާލޭ ސިޓީ ކައުންސިލަށް ވާދަކުރި ކެންޑިޑޭޓުން ފިޔަވައި ޕާޓީގެ އެއްވެސް ކެންޑިޑޭޓަކާ ދެކޮޅަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ. އެއާ ހިލާފަށް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޝުއައިބު ބުނެފައި ވަނީ އޭނާ ޕާޓީން ވަކިކުރީ އެމްޑީޕީގެ ރައީސްކަން ކުުރުމުގެ ޝައުގުވެރިކަން ފާޅުކޮށް މިހާރު ހުންނެވި ރައީސް މުހައްމަދު ނަޝީދަށްފަހު ޕާޓީގެ ރައީސްކަން ކުރާނެ ކަމަށް ކެމްޕެއިން ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު