ވެކްސިން ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރުމަށް ސްކޫލްތަކުން، ބެލެނެވެރިންނަށް ގްރީން ކާޑުގެ ނަމުގައި ކާޑެއް ތައާރަފް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ވެކްސިންޖެހޭ އުމުރުގެ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ އެއްވެސް ދަރިވަރެއް، ބެލެނެވެރިއެއް އަދި ޓީޗަރަކަށްވެސް ސްކޫލަށް ނުވަދެވޭނެ ކަމަށެވެ. އަދި މީގެ ތެރޭގައި ސްކޫލްގެ އެހެނިހެން މުވައްޒަފުންވެސް ހިމެނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާކަން ކަށަވަރު ކުރުމަށް ބެލެނެވެރިންނަށް ހާއްސަކޮށްގެން ސްކޫލްތަކުން ގްރީން ކާޑެއް ތައާރަފް ކުރާނެ ކަމަށެވެ.

އައްޒަ ވިދާޅުވީ އަންނަ އަންގާރަ ދުވަހު ސްކޫލް ހުޅުވެންވާއިރަށް ދަރިވަރުންނާއި އެންމެ ކައިރިން މަސައްކަތްކުރާ ހުރިހާ މުވައްޒަފުން މަދުވެގެން އެއް ޑޯޒްވެސް ފުރިހަމަ ކޮށްގެން ސްކޫލަށް ހާޒިރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިހާތަނަށް 96 ޕަސެންޓް ޓީޗަރުން މިހާރު ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށާއި ގިނަ އަދަދެއްގެ ޓީޗަރުން ދެވަނަ ޑޯޒްވެސް ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިބަލަނީ އެޓްލީސްޓް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްގެން ސްކޫލަށް ނިކުންނާނެ ކަމަށް. މިހާރުވެސް ވަރަށް ގިނަ ޓިޗަރުންނާއި މުވައްޒަފުން މިވަނީ ދެވަނަ ޑޯޒްވެސް ފުރިހަމަ ކޮށްފަ. މިއީ ހަމަ ދަރިވަރުންގެ ރައްކާތެރިކަމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް. ދެން ތިބޭނެ ސިއްހީ ބައެއް ހާލަތްތަކާ ގުޅިގެން ވެކްސިން ނުޖެހޭ މީހުން. އެއީ މާބނޑު މީހުންނާއި، އެލާޖިކްވާ މީހުންނާއި ނޫނީ އެ ނޫންވެސް މައްސަލައެއް ދިމާވާ މީހުން. އެމީހުން އެޗްޕީއޭގެ ލިޔުމެއް ގެނައުމުން އެކަން ހަމަޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އައްޒަ ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ގްރީން ކާޑު ތައާރަފުކުރުމަށް ސްކޫލުތަކާއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ. އެއަށްފަހު، ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރެވޭނެ އެންމެ ފަސޭހަގޮތަކީ ކޮބައިތޯ ބަލައި އެ ކާޑު ތައާރަފުކުރާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް މި ފެށޭ ހަފްތާގައި އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ގަޔަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން އެޗްޕީއޭއާ ގުޅިގެން ވެކްސިންއާ ގުޅޭ މައުލޫމާތުތައް ބެލެނިވެރިންނަށް ދިނުމަށް ބައްދަލުވުންތައް ބާއްވަމުން އަންނަކަމަށާއި ރަށްރަށުގެ ހެލްތު ސެންޓަރުތަކުންވެސް ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް އައްޒަ ވިދާޅުވިއެވެ.

އައްޒަ ވިދާޅުވީ ވެކްސިން ޖެހުމުގައި ބެލެނިވެރިންގެ އިތުރަށް ދަރިވަރުންގެ އިއުތިރާޒެއް އޮތްތޯވެސް ބަލާނެކަމަށެވެ. އަދި ސްކޫލްތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސްކޫލްތަކަށްވެސް އަންގަމުންދާ ކަމަށް ވިދާޅުވި އެވެ.