މަޖިލިސް މެންބަރު އަލީ ނިޔާޒް

ތަރައްގީގެ ޕްލޭން ހުށަހަޅަން އޮތް ތިންމަސްދުވަހުގެ މައްސަލައިގައި ކައުންސެލް ޖެނެރަލްގެ ލަފާ ހޯދަނީ

އިބްރާހިމް ޒަކީ

ގާނޫނަކުން ވަކި ކަމެއް ކުރުމަށް މުއްދަތެއް ކަނޑައަޅާފައި ވީނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތުގައި އެ މުއްދަތު މެދުކެނޑޭނެ ކަމަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގައި ބުނާ މިންގަނޑަށް، ކައުންސިލްތަކުން ހުށަހަޅަން ޖެހޭ، ރަށްރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސްޕްލޭން ހުށަހަޅަން ޖެހޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން އެގޮތަަށް ނިންމީ، ރަށްރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސްޕްލޭން ހުށަހަޅަން އަލަށް ހޮވުނު ކައުންސިލްތަކަށް ލާމަރުކަޒީ ގާނޫނުން ކަނޑައަޅާފައިވާ ތިންމަސް ދުވަހުގެ މުއްދަތު މިމަހުގެ 17 އަށް ހަމަވާއިރުވެސް ކައުސިލްތަކަށް އެކަން ކުރުމަށް ދަތިތަކެއް ދިމާވެފައިވާ މައްސަލައިގައި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އާއެކު މިއަދު ބޭއްވި މަޝްވަރާއަށްފަހުގައެވެ.

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ވަކި ގާނޫނެއްގައި ވަކި ކަމެއް ކުރުމަށް މުއްދަތެއް ނުވަތަ ތާރީހެއް ކަނޑައެޅިފައިވާ ހާލަތުގައި، އަދި އެ ގާނޫނެއްގައި ބަޔާން ކުރާ މުއްދަތު ނުވަތަ ތާރީހު ދިމާވަނީ، މި ގާނޫނުގެ ތިން ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތާ ކަމުގައި ވާނަމަ، އެކަން ކުރުމަށް އެ ގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތަށް ނުވަތަ ތާރީހަށް އަމަލުކުރުން، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މެދުކެނޑުނީ ކަމަށެވެ.

އެހެންކަމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެލްޖީއޭގެ ލީގަލް ޓީމުގެ ފަރާތުން އެސިސްޓެންޓް ޑިރެކްޓަރު އަބްދުލް މުއުމިން ވިދާޅުވީ، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގައި ބުނާ ގޮތަށް، ލާމަރުކަޒީ ގާނޫނުގެ 107 ވަނަ މާއްދާގައި ހުށަހަޅަން ބުނެފައިވާ ކަންތައްތައް ހުށަހެޅުން މަޑުޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ދެން އެ ގާނޫނުގައި ބުނާ ތިން މަސްދުވަހުގެ މުއްދަތު ގުނޭނީ ކުއްލި ނުރައްކަލުގެ ހާލަތު އުވި ދިއުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ނުނިމެނީސް ދައުލަތުގެ މުހިއްމު ކަންތައްތަކަށް ބޭނުންވެގެން އެދިފައިވާ ބިންތައްވެސް ރަށްރަށުން ދޫކޮށްފައި ނުވާ މައްސަލައާ ބެހޭ ގޮތުންވެސް ކޮމިޓީން އެލްޖީއޭއާ އެކު މިއަދު މަޝްވަރާ ކުރިއެވެ.

އެކަމާ ބެހޭގޮތުން އެލްޖީއޭއިން ބުނީ، ކުރިން އަމަލު ކުރަމުން އައި ގޮތަށް ލޭންޑްޔޫސްޕްލޭން ނެހެދުނަސް ކޮންމެހެން ދޫކުރަން ޖެހޭ ފަރާތްތަކަށް ބިން ދޫކުރެވިދާނެ ކަމަށެވެ.

އެގޮތުން އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، ގާނޫނާ އެއްގޮތަށް ލޭންޑްޔޫސް ޕްލޭނެއް ހަދަން ދެން، ކުރިންވެސް އަމަލު ކުރަމުން އަންނަ ގޮތަށް ކޮންމެހެން ބޭނުންވާ ބިންތައް، ބިމާބެހޭ ގާނޫނުގެ ދަށުން ދޫކުރެވިދާނެ ކަމަށެވެ.

"ކޮންމެހެން ބޭނުންވާ ބިންތަކަށް ލޭންޑް ބަޖެޓެއް ހަދައިގެން ހައުސިން މިނިސްޓްރީން ހުއްދަދޭ އުސޫލަށް، ހައްލެއް ލިބޭނެ، އޭރުން ދައުލަތުގެ ކަންތައްތަކަށް ކޮންމެހެން ދޫކުރާ ބިންތަަކާއި ރަށުގެ ތަރައްގީއަށް ކޮންމެން ދޫކުރަން ލާޒިމު ކުރާ ބިންތަކަށް އޭރުން ލޭންޑް ބަޖެޓް ހަދައިގެން ހައުސިން މިނިސްޓްރީން ހުއްދަ ދިނީމަ ގާނޫނާ ހިލާފެއް ނުވާނެ، ފަހަރަކު ބިމެއް ހުށަހަޅައިގެން ރައްޔިތުންގެ ލަފާ ހޯދައިގެން އެކަން ކުރެވިދާނެ،" އާދަމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެސިސްޓެންޓް ޑިރެކްޓަރު އަބްދުލް މުއުމިން ވިދާޅުވީ، މިހާރު މިއޮތް ހާލަތަކީ، ލޭންޑްޔޫސް ޕްލޭނާއި ތަރައްގީގެ ޕްލޭން ހުށަހަޅަން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އަމަލު ކުރުން ހުއްޓިފައިވާ ހާލަތެއް ކަމުން އެއީ މިވަގުތު ވުޖޫދުގައި އޮތް ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ރަށްރަށުގެ ބިން އެގޮތަށް ދޫކުރެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތަށް ލޭންޑްޔޫސް ޕްލޭން ނުހެދުނު ނަމަވެސް ކޮންމެހެން ރަށުގެ ތަރައްގީއަށް ބޭނުންވާ ބިމާ ބެހޭގޮތުން ކަންކަން ނިންމުމުގެ ބާރު ކައުންސިލަށް ލިބިގެން ވާ ކަމަށް އެލްޖީއޭއިން ބުނާ މައްސަލައިގައިވެސް ކައުންސެލް ޖެނެރަލްގެ ލަފާ ހޯދަން ކޮމެޓީން މިއަދު ނިންމިއެވެ.

ގާނޫނުގައި ބުނާ ގޮތަށް ޕްލޭން ނުހެދިގެން ދައުލަތުގެ މުހިއްމު ކަންތައްތަކަށް ރަށްރަށުން ބިން ދޫނުކުރެވިފައިވާ ކަން، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފުވެސް މިއަދު ކޮމިޓީގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

އެގޮތުން މުޅި ރާއްޖޭގައި ގާއިމު ކުރާ ފެރީ ނިޒާމް ގާއިމު ކުރަން ބޭނުންވާ ޓާމިނަލްތައް ގހެދުމަށް ބޭނުންވާ ބިން ލިބުމުގެ ދަތިކަން އެމްޓީސީސީން ހިއްސާ ކުރަމުން އަންނަ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.