މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކަށް ވެއްދުން މަނާތަކެތި އަތުލައިގަތުމަށް ސިލްސިލާ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ކޮމިޝަނަރު އޮފް ޕްރިޒަނަސް އަހްމަދު މުހައްމަދު ފުޅު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ ހަފްތާގައި މާފުށީ ޖަލާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި، ހިންގި އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ މަނާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
"މިމައްސަލައަށް ދާއިމީ ހައްލު ހޯދެންދެން އަވަސްއަވަހަށް އޮޕަރޭޝަންތައް ކުރިޔަށް ގެންދެވޭނެ،" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި 14 ވަރަކަށް މޯބައިލް ފޯނާއި 25 އަކަށް ސްމާޓް ފޯނުގެ އިތުރުން ސައިންޓިފިކް ކަލްކިއިލޭޓަރަކާއި ފޯނުގެ ބެޓްރީ އަދި ޗާޖަރުތަކެއް ވެސް ވަނީ ހޯދައިފަ އެވެ. އަދި ހަމަލާ ދެވޭ ގޮތަށް ތޫނުކޮށްފައި ހުރި ހަތިޔާރާއި ވަޅިއެއް ވެސް ވަނީ ހޯދައި ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި އޮޕަރޭޝަންތަކުގެ ކުރިން ޖޫން މަހުގެ ކުރީ ކޮޅުގައި މާލެ ޖަލާއި މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަންތަކެއްގައި ވެސް ވަނީ ގިނަ އަދަދެއްގެ ފޯނާއި މަނާތަކެތި އަތުލައިގަނެފައެވެ.
ޖަލުތަކަށް މޯބައިލް ފޯނު ވައްދައިގެން ކުރަމުންދާ ކުށްތައް ހުއްޓުވުމަށް ގައިދީން ބައިތިއްބާ ގޮޅިތަކަށް މޯބައިލް ނެޓްވޯކް ނުލިބޭނެ ގޮތެއް ހެދުމުގެ މަސައްކަތް ކަރެކްޝަން އިން ވަނީ ފަށައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު