އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދީފައިވާ ބިމުގައި ހުރި އެއްވެސް ތަކެއްޗެއް ނަގައި ބޭނުންކޮށްފައިވާނަމަ އެތަކެތި ސްޓެލްކޯއަށް ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް ޕްލޭނިން މިނިސްޓްރީން އަންގައިފި އެވެ.

ސްޓެލްކޯ އަށް އެ ބިން ދީފައިވަނީ 2016 ވަނަ އަހަރު އެވެ. އެ ބިމުގައި ވަށައިގެން ފެންސް ޖަހާފައިވަނިކޮށް އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ސްޓެލްކޯގެ ހުއްދައެއް ނެތި ފެންސްތައް ކަނޑައި އެ ބިމުގައި ހުރި ތަކެތި ސިޓީ ކައުންސިލުން ބޭނުންކުރި މައްސަލައެއް ސްޓެލްކޯގެ ފަރާތުން ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.

މިކަމާ ގުޅިގެން "ވަން"އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މާލޭގެ ސިނާއީ ސަރަހައްދުގެ ބިމެއްގެ މައްސަލަ މިމަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވަން"އަށް މިއަދު ވިދާޅުވީ އިންޑަސްޓަރިއަލް ވިލެޖަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއް ކަމަށާއި އެތަން ސިޓި ކައުންސިލާއި ހަވާލު ކޮށްފައިނުވާ ކަމަށެވެ. އެހެން ކަމުން އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ސްޓެލްކޯ އަށް ދީފައިވާ ބިމުގައި ހުރި ތަކެތި ސިޓީ ކައުންސިލަށް ބޭނުން ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިއްޔެ ވާނީ އެ ބިމުގެ ހުރި ތަކެތި ސިޓީ ކައުންސިލުން ބޭނުންކޮށްފައިވާނަ އެތަކެތި ސްޓެލްކޯ އާއި ހަވާލު ކުރުމަށް ސިޓީ އަކުން އެ ކައުންސިލަށް އަންގާފަ." އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ސިޓި ކައުންސިލުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސްޓެލްކޯ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެ ބިމުގެ ސެކިއުރިޓީ އަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް ބަހައްޓާފައިވާ ތަކެތިވެސް ވީ ނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އަދި އެ ބިމުގައި ޖަހާފައިވާ ފެންސްތައް ކަނޑައިގެން އެ ބިމާއި އިންވެގެން އޮންނަ ބިމެއްގައި ޖަހާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނީ މި ބިމަކީ އެކުންފުނީގެ ބެކަޕް ޕަވާ ހައުސް އާއި ގްރިޑް ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ރައްކާކުރުމަށް އެ ކުންފުންޏަށް ދީފައިވާ ބިމެއް ކަމަށެވެ. އަދި ތިލަމާލެ ބުރިޖާއެކު މި ބިމުގައި 132 ކިލޯ ވޮޓުގެ ސަބްސްޓޭޝަނެއްވެސް ގާއިމުކުރާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.