ޚަބަރު

ނެއްލައިދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމައިފި އެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ، ނެއްލައިދޫ ބަނދަރުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށާއި އެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމުގެ މަސައްކަތުގެ 97 ޕަސެންޓާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 96 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫޢުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,102 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ނެއްލައިދޫ ބަނދަރުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 50.8 މިލިއަން ރުފިޔާއަށެވެ.