"ވަރަށް އަސަރުކުރޭ މިތަން ފެނުނަސް. ވަރަށް ދެރަވޭ. ނުވަ އަހަރު ވަންދެން އުޅުނު ތަން ވިއްޔަ. ދޮންނަ މެޝިނާ، ގޮދަނޑިއާ ހިފައި ގެންގުޅޭ ތަކެއްޗާ އަންނައުނުވެސް މިހުރީ އަނދައި އަޅިއަށްވެފަ."

މިއީ މިދިޔަ ހުކުރު ދުވަހުގެރޭ އަލިފާން ރޯވެ އަނދައި ހުލިވި ކޮޓަރީގައި ދިރިއުޅެމުން އައި އައިމިނަތު ރީމާ އޭނާގެ ވާހަކަތައް އަސަރާއެކު "ވަން" ހިއްސާ ކުރަން ފަށަމުން ބުނި ވާހަކަ އެވެ.

ރީމާ ބުނި ފަދައިން އެ ކޮޓަރި ހުރީ އެއްކޮށް އަޅިއަށްވެފަ އެވެ. އަލިފާން ރޯވި ސަބަބު މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވާއިރު ރީމާ ދިރިއުޅޭ މއ. އެމްޓޭޝަން ގޭގެ ވެރިފަރާތުން ބުނީ އެ ގޭގައި އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އަލިފާން ރޯވީ އެގޭގައި ރީމާ ދިރިއުޅޭ ކޮޓަރީގަ އެވެ. ރީމާ އަކީ އެގޭ ވެރިފަރާތުން އެގޭގައި ބަހައްޓާފައި ހުންނަ މީހެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުޑަ ދެ ކުދިން ގޮވައިގެން އެ ގޭގައި ރީމާ ދިރިއުޅޭއިރު، އެގެ ހަދަން ވެގެން، ތަން ހުސް ކުރުމަށް ރީމާ އަށް އޮތީ އަންގައިފަ އެވެ. ގޭގެ ވެރިފަރާތުން ހުކުރު ދުވަހު އެހެން ތަނަކަށް ބަދަލުވެފައިވާއިރު ރީމާ ދިޔައީ އޭނާ ދިރިއުޅޭނެ ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

"އަހަރެން ދިޔައީ ކުޑަ ދެ ކުދިން ގޮވައިގެން ބޯހިޔާވަހި ކޮށްލާނެ ތަނެއް ހޯދުމަށް. ކުލީ ކޮޓަރިގަނޑެއް ލިބޭތޯ. ނުލިބުނީމަ އަނބުރާ ގެއަށް އައި މަގުމަތީގަ އަވަށްޓެރިއަކު ބުނީ ބޭރު ދޮރޯށީގެ ތަޅުދަނޑި އެބައޮތް ހޭ. ބުނީމަ އަހަރެން ބުނީ އާއެކޭ ކިހިނެއް ވީހޭ. ބުނީމަ ބުނީ ތިގެއިން ދުން އަރާތީ އޭ. ހީވަނީ އަލިފާން ރޯވީ ހެންނޭ. ބުނީމަ އަހަރެން ގޮސް ބަލާލި އިރު އަލިފާން ވަރަށް ބޮޑަށް ރޯވެފަ ހުރީ." އޭނާ ކިޔައިދިނެވެ.

ޖުމުލަ ތިން ކޮޓަރި ހުންނަ އެގޭގެ އެންމެ އެތެރޭގައި ހުރި ރީމާ ދިރިއުޅޭ އެ ކޮޓަރީގައި ރޯވި އަލިފާނުގެ އަސަރު އަނެއް ކޮޓަރި އަށް ކޮންމެވެސް ވަރަކަށް ކުރި ނަމަވެސް އެ ކޮޓަރިއަށް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.

ރީމާ ބުނީ އޭނާ އެގޭގައި ދިރިއުޅެނީ ގޭގެ ވެރިމީހާއާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށެވެ. އަދި އެ ގޭގައި ދިރިއުޅެމުން އަންނަތާ ނުވަ އަހަރުވެފައިވާ ކަމަށެވެ.

"މިގޭ އަސްލު ވެރިމީހާ ކުރިން އިން ދައްތައާ އަހަރެންނާ ވަރަށް ރައްޓެހިވާނެ. ދެން މިގޭގަ އުޅެނީ ދައްތަ އާއި ދައްތަގެ ފިރިހެން ދަރިފުޅާއި އެކުއްޖާގެ އަނބިމީހާ. ދެން ދައްތަގެ ރައްޓެހި ކަމުގަ އަހަރެން މިގޭގަ ބަހައްޓާފަ ހުންނަނީ. ދެން ތަން ހުސްކުރަން ބުނީމަ އެ މަސައްކަތުގަ މިއުޅުނީ. ބޯޓަށް ބައެއް އެއްޗިހި އަރުވާފަ ދެން މިވަގުތަށް ވަންނާނެ ތަނެއް ހޯދަން ދިޔައީ. ދިޔަތަނުން ހުރިހާ އެއްޗެއް އަނދާ އަޅިއަށްވީ." ކޮޓަރި ތެރެއަށް ބަލަހައްޓައިގެން ހުރެ ގިސްލައި ރޮމުން ރީމާ ކިޔައިދިނެވެ.

ރީމާގެ ކުޑަ ދެ ފިރިހެން ކުދިން ތިބޭ އިރު އެ ދެ ކުދިންނަކީވެސް ނުކުޅެދުންތެރިކަން ހުންނަ ދެ ކުދިންނެވެ. ރީމާ ބުނީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިވަގުތަށް 7800 ރުފިޔާ ދީފައި ވީނަމަވެސް ބޯހިޔާވަހި ކޮށްލަން ވަންނާނެ ތަނެއް އަދިވެސް ނުލިބޭ ކަމަށެވެ. އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށާއި އިތުރު އެއްވެސް ކަމެއް މިވަގުތު ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.

އެކަނިވެރި މައިންނާއި ތަނަވަސްކަން ނެތް އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މަމްސް އެންޖީއޯ އިން ވަނީ ރީމާ އާއި ރީމާގެ ދެ ކުދިންނަށް ބޭނުންވާނެ އަންނައުނާއި އެހެނިހެން ތަކެތި ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.