ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

އެކަމަނާ މި ޕޮލިސީ އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޕޮލިސީ އިފްތިތާހުކޮށްދެއްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ޗައިލްޑް ސޭފްގާޑިންގެ މުހިންމުކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން މިކަމަށް ހައްލެއް ހޯދަން ދުރާލާ ވިސްނައި މިކަން ފެށީތީ އެފްއޭއެމްއާ އަދި މި ޕޮލިސީ އެކުލަވާލުމުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ އެހެންމެ ކުޑަކުދިންނާ ގުޅޭ މިފަދަ މުހިންމު ޕޮލިސީއެއް އެކުލަވާލުމުގައި އެ ކުދިންގެ މަޝްވަރާއާ ބައިވެރިވުން ހޯދާފައިވާތީ އެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާގެ ވާހަކަފުޅުގައި ޗައިލްޑް ސޭފްގާޑިން އަދި ޗައިލްޑް ޕްރޮޓެކްޝަންގެ ތަފާތުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. ހާއްސަގޮތެއްގައި، ކުދިން ސޭފްގާޑް ކޮށްދިނުމުގެ މަގުސަދަކީ ނުރައްކާތެރިކަމަށް ކުދިން ހުށަހެޅުމުގެ ފުރުސަތު ނުދީ ރައްކާތެރިކަމުގެ ވެށީގައި ކުދިން ދެމެހެއްޓުންކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރޭގައި ހަރުދަނާ ޗައިލްޑް ސޭފްގާޑިން ފިޔަވަޅުތަކެއް އެކަށައަޅާފައި އޮތުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ މާހައުލުގައި އުޅޭއިރު ކުއްޖަކަށް ޖިސްމާނީ ނަފްސާނީ ނުވަތަ އެހެން ގޮތަކުން ނަމަވެސް އަނިއާއެއް ދީފާނެ މީހެއްގެ ކިބައިން ސަލާމަތްވުމަށް އުނދަގޫވެދާނެ އެތައް ހާލަތެއް ކުރިމަތިވެދާނެކަން ފާހަގަކުރައްވައި، މިފަދަ ޕޮލިސީއެއް އޮތުމުން ކުދިންގެ އިތުރުން ކޯޗުންނާއި އަދި އެތަންތަނުގެ މެނޭޖްމަންޓަށްވެސް އޭގެ ފައިދާކުރާނެކަން މެޑަމް ފަޒްނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޕޮލިސީއެއް އޮތުމުން، ކަންކުރަންވީ ގޮތަކީ ކޮބައިކަމާއި ނުކުރަންވީ ކަންކަން އެންމެންނަށްވެސް އެނގިފައި އޮންނާނެ ކަމަށާއި އަދި ކަންބޮޑުވާ ކަމެއް ދިމާވެއްޖެނަމަ އެކަން ރިޕޯޓްކުރަންވީގޮތާއި އެހީތެރިކަން ހޯދަންވީގޮތް ކުދިންނާއި ކޯޗުންނަށްވެސް އެނގިފައި އޮންނާނެކަން ފާހަގަކުރައްވައި، އެފަދަ ބައެއް މިސާލުތަކަށްވެސް އެކަމަނާ އަލިއަޅުވާލެއްވިއެވެ.

އެކަމަނާ ވަނީ އެފްއޭއިމްއާއި އާކް ގުޅިގެން ފެށި މި މަސައްކަތް ހަރުދަނާވެ ނަތީޖާ ނެރުމަށް ކޮންމެ ދުވަހަކު އިސްކަންދިނުމަށް އެދިވަޑައިގަންނަވައިފައެވެ. އަދި ކުޅިވަރު އެހެން އެސޯސިއޭޝަންތަކުން ވެސް މިކަމުގައި އިސްނަގައި ކުޅިވަރު މައިދާނަކީ ހާމަކަންބޮޑު ގޮތެއްގައި ކުދިންނަށް ރައްކާތެރިކަން ލިބޭ، އިތުބާރާއެކު އެކުދިންގެ ކަންބޮޑުވުންތައް ހިއްސާކުރެވޭނެ މައިދާނެއް ކަމުގައި ހެދުމަށް އެކަމަނާ ގޮވާލެއްވިއެވެ.

އެފްއޭމްގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީއަކީ އެފްއޭއެމް ފައުންޑޭޝަން އަދި އެފްއޭއެމްއާ އާކް ޖަމިއްޔާ ގުޅިގެން އަދި ޔުނިސެފް މޯލްޑިވްސްއާ ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކުގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ޕޮލިސީއެކެވެ.

މި ޕޮލިސީގެ މައިގަނޑު ބޭނުމަކީ ފުޓްބޯޅައިގައި ބައިވެރިވާ ހުރިހާ ކުދިންނަކީވެސް، ކުޑަކުދިންނަށް ކުރާ އަނިޔާއާއި، އެކުދިންނަށް ވާ އިހުމާލާއި، އެކުދިންނަށް ކުރިމަތިވާ ހަނގާކުރުން ފަދަ ކަންކަމުން ރައްކާތެރިވެ ތިބެ ފުޓުބޯޅައިގައި ބައިވެރިވާ ކުދިން ކަމުގައި ހެދުމެވެ.