އިނގިރޭސި އެފްއޭގެ ކޮމިއުނިޓީ ޝީލްޑް މެޗުގައި ލެސްޓާ ސިޓީ އަތުން މެންޗެސްޓާ ސިޓީ ބަލިވެއްޖެއެވެ.

އިނގިރޭސި ތާރީހީ ސްޓޭޑިއަމް ވެމްބްލީގައި ކުޅުނު މެޗުން ލެސްޓާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ފުޓުބޯޅައިގެ އާ ސީޒަން ފެށުމަށް ކުޅޭ ޗެރިޓީ އެކުވެރިކަމުގެ މެޗު، އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ ނިމިދިޔަ އަހަރުގެ ޕްރިމިއާ ލީގު ޗެމްޕިއަނުންނާއި އެފްއޭ ކަޕް ޗެމްޕިއަނުންނެވެ. ލެސްޓާއިން އެފްއޭ ކަޕް ޗެމްޕިއަނުންގެ ގޮތުގައި މިރޭގެ މެޗަށް ނުކުމެފައިވާ އިރު، ސިޓީން ނުކުތީ އިނގިރޭސި ލީގު ޗެމްޕިއަނުންގެ ގޮތުގައެވެ.

މިރޭގެ މެޗަށް ސިޓީން ނެރުނު ފުރަތަމަ 11 ގައި ބައެއް މުހިއްމު ކުޅުންތެރިންގެ ނަން މަދެވެ. ގޯލުން އާންމުކޮށް ފެންނަ ގޯލްކީޕަރު އެޑަސަންގެ ބަދަލުގައި ސެޓެފަން ކުޅެން ނުކުމެފައިވާ އިރު، ކެވިން ޑިބްރޭނާއާއި ފިލް ފޮޑެން އަނިޔާގެ ސަބަބުން ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. ސިޓީއަށް މި ސީޒަނަށް 100 މިލިއަން ޕައުންޑު ދީފައި ގެންދިޔަ ޖެކް ގްރީލިޝްވެސް ބެންޗުން މެޗު ފެށި އިރު، ސިޓީ ދޫކޮށް ދިޔުމަށް ތައްޔާރުވަމުންދާ ބާނާޑޯ ސިލްވާވެސް މެޗަށް ނުކުތީ ބެންޗުންނެވެ.

ލެސްޓާއިން ވަރުގަދަ ލައިން އަޕަކާއެކު މެޗަށް ނުކުމެފައިވާ އިރު، ފުރަތަމަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެވެ. ހާފުގެ އެންމެ ހުސް ފުރުސަތު ލިބުނީ ލެސްޓާ ސިޓީގެ ޖޭމީ ވާޑީއަށެވެ. އޭނާ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ މަތަކޮށް ބޭރުކޮށްލީ ސިޓީގެ ގޯލްކީޕަރެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ސިޓީގެ ހުސް ދެ ފުރުސަތެއް މަހަރޭޒްއަށް ލިބި ބޭކާރު ވެފައިވާ އިރު، އަނެއްކޮޅުން ސިޓީ ސަލާމަތް ކޮށްދިނީ ގޯލްކީޕަރު ސްޓެފަންއެވެ. އޭނާ ވަނީ ފަހު ހާފުގައިވެސް ރަނގަޅު ދެ ސޭވްއެއް ކޮށްފައެވެ.

މެޗުގައި ލެސްޓާގެ ގޯލު ފެނުނީ 89 ވަނަ މިނެޓުގައެވެ. ސިޓީގެ އޭރިއާ ތެރެއިން އެޓީމުގެ ނެދަލޭންޑްސް ޑިފެންޑަރު ނޭތަން އަކޭ، ލެސްޓާގެ ފޯވަޑް ކެލެޗީ އިލަނާޗޯއަށް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބު ކޮށްދިނީވެސް އިލަނާޗޯއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް މިމަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު، ސިޓީ ނުކުންނާނީ ތަށި ދިފާއުކުރުމަށެވެ. ސްކޮޑު އިތުރަށް ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، އެޓީމުން ގޯލު ޖެހުމުގެ ޑިޕާޓްމަންޓަށް އެންމެ ބޮޑަށް ބަލަމުންދަނީ ޓޮޓެންހަމްގެ ފޯވަޑް ހެރީ ކޭންއަށެވެ. އެ ޓްރާންސްފާ ކާމިޔާބު ވެއްޖެނަމަ، ސިޓީ ފެންނާނީ އިތުރަށް ވަރުގަދަ ކޮށެވެ.