އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ހާއްސަ ޕްރެސް ކޮންފަރެންސެއް މާދަމާ އޮންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.
ބާސާގައި 17 އަހަރު ހޭދަކުރުމަށްފަހު، އެ ކްލަބުގެ ކެޕްޓަން މެސީ ދެން ކްލަބުގައި މަޑު ނުކުރާނެ ކަމަށް ވަނީ ނިންމައިފައެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ. ބާސާއިން ރަސްމީކޮށް ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީ އެޓީމުން ނުފެންނާނެ ކަމަށާއި، ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާ ކުރެވެން ނެތް ކަމަށެވެ.
ޕީއެސްޖީން ވަނީ މެސީ ގެންދިއުމަށް ސީދާ ވާހަކަތައް ފަށައިފައެވެ. އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވަނީ މެސީގެ ސޮއި ހޯދުމަށް ޕީއެސްޖީން މިހާރު ކޮންޓްރެކްޓް ތައްޔާރުކޮށް، މެސީގެ އެޖެންޓް އަދި ބައްޕަ ޖޯޖު މެސީއާ ވާހަކަ ދައްކާފައިވާ ކަމަށެވެ. މެސީގެ ޑީލްއަށް އެންމެ ބޮޑަށް ބާރު އަޅަނީ ކުރިން މެސީއާއެކު ބާސާއަށް ކުޅުނު ނޭމާ ކަމަށްވެސް ރޮމާނޯ ވަނީ ރިޕޯޓު ކޮށްފައެވެ.
ފަބްރީޒިއޯގެ އިތުރުން ސްޕެއިންގެ އިތުބާރު ހިފޭ ގިނަ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މެސީގެ ހާއްސަ ޕްރެސް ކޮންފަރެންސެއް މާދަމާ ބާސެލޯނާގެ ދަނޑު، ނޯ ކޭމްޕްގައި އޮންނާނެއެވެ. އެ ޕްރެސްގެ ތަފްސީލެއް އަދި މީޑިއާތަކަށް ލިބިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެ ޕްރެސް ވެގެންދާނީ ވަދާއީ ޕްރެސްއަށެވެ. އެ ޕްރެސްއަށްފަހު މެސީ ޕީއެސްޖީއަށް ދާނެ ކަމަށް ބެލެވެއެވެ.
އުމުރުން 34 އަހަރުގެ މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލު ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. މެސީއަކީ މިހާތަނަށް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އޭނާ ވަނީ ހަ ފަހަރަށް ބެލޮންޑިއޯވެސް ހޯދައިފައެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ