އަލަށް އިންތިހާބުވި ކައުންސިލުތަކުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް، ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން ހުށަހެޅުމަށް ދަތިވެފައިވާ މައްސަލައަށް ގާނޫނީ ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފިއެވެ.
ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު "ވަން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ، ކައުންސިލުތަކުން ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން މިމަހުގެ 17 ގެ ނިޔަލަށް ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ނަމަވެސް އެ ތާރީހު ފަސްކޮށްދިނުމަށް އެދި ވަރަށް ގިނަ ކައުންސިލުތަކުން ހުށަހަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކައުންސިލުތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވާމަންޓް އޮތޯރިޓީ، (އެލްޖީއޭ) އިންވެސް އެކަަމަށް އެދިފައިވާތީ އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށް މާދަމާ ކޮމިޓީގެ ބައްދަލުވުމަށް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.
އަލީ ނިޔާޒު ވިދާޅުވީ، އެ ތާރީހު ފަސްކުރަން ކައުންސިލުތަކުން ހުށަހަޅަނީވެސް ގަބޫލު ކުރެވޭ ފަދަ ސަބަބެއް އޮވެގެން ކަމަށެވެ.
"ވަރަށް ގިނަ ކައުންސިލުތަކުން އެކަން އެކްސްޓެންޑް ކުރަން އެދިފައިވޭ، އެލްޖީއޭއިން ވެސް ވަނީ އެކަމަށް އެދިފަ، އެހެންކަމުން މި ބަލަނީ މާދަމާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން. އެ ފަރާތްތަކުން އެކަމަށް އެދޭ އެންމެ ބޮޑު ސަބަބަކީ ކޮވިޑާ ގުޅިގެން އެންގޭޖުވުން ތަކާއި ކަންތައްތައް ދިމާވުން އެއީ ބަލައިގަނެވޭނެ ސަބަބެއް ކަންނޭނގެ،" އަލީ ނިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާ ކަމަކަށް ގާނޫނުުން ނޫން ގޮތަކަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އެހެންކަމުން މާދަމާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި އެކަމާ ބެހޭގޮތުން ކޮމިޓީން ނިންމަންޖެހޭ ކަންކަން ނިންމުމުން އަންނަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާއިރު މަޖިލީހުން އެކަމަށް އަވަހަށް ގޮތެއް ކަނޑައެޅިގެންދާނެ ކަމަށްވެސް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން ކަމުގެ މަގާމުގައިވެސް ހުންނެވި އަލީ ނިޔާޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު