މއ. އެމްޓޭޝަން ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ އެހީތެރިކަމެއްގެ ގޮތުގައި 7800 ރުފިޔާ ދީފިއެވެ.

ނޭޝަނަލް ޑިޒާޒްޓާ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްއޭ) އިން ބުނީ، އެ ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ އެހީތެރިކަން ބޭނުންވި އާއިލާއަށް ރިލީފް އެހީގެ ގޮތުގައި 7800ރ ހަމަޖައްސައިދީފައިވާ ކަމަށެވެ.

"އެއީ މިއާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމަށާއި ކެއިން ބުއިން އަދި އައްނައުނު ހޯދުމަށް،" އެންޑީއެމްއޭ އިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މިރޭ އަލިފާން ރޯވެފައިވަނީ މއ. އެމްޓޭޝަން ގޭގެ ކޮޓަރިއެއްގައި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 7:45 ހާއިރު ކަމަށާއި އަދި އަލިފާން ނިއްވާލާފައިވަނީ 8:04 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެ ގޭގެ ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ. އެގޮތުން އަލިފާން ރޯވީ ކޮޓަރީގައި ހުރި އަންނައުނާއި ސޯފާ އަދި ގޮދަނޑީގައެވެ. މި ހާދިސާގައި އެ ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.