ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ، ކުރީގެ ޕޮލިސް އިންޓެލް އަހްމަދު ފާތިހަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދައުވާ ނުކުރަން ނިންމުމުން، އޭނާ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން މިރޭ ބުނީ ފުލުހުންގެ ބަންދުން ފާތިހު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމުމާ ގުޅިގެން ކަމަށެވެ.

ފުލިހުންގެ ބެލުމުގެ ދަށަށް ފާތިހު ގެނައިސްފައިވަނީ މޭ މަހުގެ 19 ވަނަ ދުވަހުގެ ރޭ ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެ ހަމަލާއާ ގުޅިގެން ޕީޖީ އޮފީހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، ފާތިހުގެ މައްޗަށް ދައުވާ ނުކަރަން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމަށް އެކަށީގެންވާ ހެކި އަދި ލިބިފައި ނެތުމުން ކަމަށެވެ.

"އަހްމަދު ފާތިހުގެ މައްސަލައިގައި އަޅުގަނޑުމެން ނިންމީ މިވަގުތަށް ދައުވާއެއް ކުރެވެން ނެތް ކަމަށް،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.

އެ މައްސަލައިގައި ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ. އެއީ، އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، އަލީ ހައިޝަމެވެ.

އެ ހަތަރު މީހުންގެ އިތުރުން ދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީއާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ.