ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެއް ކަމުގައިވާ ބ. ބޮޑުފިނޮޅުގައި މަޖުބޫރީ ހާލަތުގައި ބިދޭސީން ލައްވައި މަސައްކަތްކޮށްފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު މިއަދު ވިދާޅުވީ ރިޒާގެ މައްޗަށް މީހުން ޓެރެފިކް ކުރުމުގެ ދައުވާ އުފުލީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، 12 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ހަވާލާދީ، 17 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކަމަށެވެ.
މީގެއިތުރުން އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ ވެސް މެމްބަރު ރިޒާގެ މައްޗަށް ވަނީ އުފުލާފައެވެ.
އެ ދައުވާ އުފުލީ ގާނޫނުލް އުގޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ ދެ ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ ދައުވާ އުފުލި ސަބަބަކީ އެ މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ބަލައިފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށް މެމްބަރު ރިޒާ ހުރަސްއަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މީގެއިތުރުން ނ. މާފަރު، ބްލާސަމްގެ، ހަސަން އުމަރާއި ށ. މިލަންދޫ، ރެޑްރޯސް، ނަސްރުﷲ އުސްމާންގެ މައްޗަށް ވަނީ މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ ހަތް އަހަރުގެ ޖަލު ހުކުމެއް އެ ދެ މީހުންނަށް އަންނާނެއެވެ.
ދައުލަތުން ކުރި ދައުވާގައި ވާގޮތުން ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތްތަކާ އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުވެ، އެމަސައްކަތް ކުރުމަށް މީހުން ޓްރެފިކްކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވެއެވެ.
އަދި ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީން އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ގާނޫނާ ޚިލާފަށް މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވާފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.
އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށް، އެފަރާތްތަކުގެ މައްޗަށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކެއް ހިންގައި މީހުން ޓްރެފިކްކުރުމަށް މަގުފަހިވާގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި މަސައްކަތްތެރީންގެ ހައްގުތަކާއި ގުޅުންހުރި އެހެން ފީއާއި ފައިސާ ނުދައްކައި މަސައްކަތްތެރީންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ވެސް އެ ދައުވާގައިވެއެވެ.
މެމްބަރު އަލީ ރިޒާ
މެމްބަރު އަލީ ރިޒާ