ޚަބަރު

ވޭތުވެދިޔަ 10 އަހަރު 3 ފަހަރަށް ޓެކްސް ބޮޑުކުރި: ރިޒާ

އިބްރާހިމް ޒަކީ

ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީޖީއެސްޓީއާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ތިން ފަހަރަށް ބޮޑުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވާ އެ ބިލުގެ ކޮމިޓީ ބަހުސްގައި ވާހަކަދައްކަވަމުން ރިޒާ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2 ސެޕްޓެމްބަރު 2011ގައި ޖީއެސްޓީއާއި ޓީޖީއެސްޓީ ތައާރަފުކުރި އިރު، ދެ ޓެކުހުންވެސް ނަގަން ފެށީ 3.5 ޕަސެންޓް ކަމަށެވެ.

ނަމަވެސް 1 ޖަނަވަރީ 2021ގައި ޖީއެސްޓީ ހަ ޕަސެންޓަށް ބޮޑުކުރުމަށްފަހު ދެން ބޮޑުކުރަން ހުށަހެޅީ މި ފަހަރު ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޓީޖީއެސްޓީ 1 ޖެނުއަރީ 2012 ގައި ހަ ޕަސެންޓަށް، 1 ޖެނުއަރީ 2013ގައި އަށް ޕަސެންޓަށް އަދި ނޮވެމްބަރު 2014 ގައި 12 ޕަސެންޓަށް ބޮޑުކުރި ކަމަށެވެ.

ސަރުކާރުން މިހާރު ހުށަހަަޅާފައި ވަނީ، ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުކުރުމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން މުހިންމުކަން ފާހަގަކުރައްވައި ރިޒާ ވިދާޅުވީ، ދުނިޔެއަށް މިވަގުތު ދިމާވެފައިވާ އިގުތިސާދީ ހާލަތާއެކު ތެލުގެ އަގު މައްޗަށް ދިއުމާއި ރަޝިޔާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މާލީ ހާލަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމާއެކު ޓެކްސް ބޮޑުކޮށްގެންވިޔަސް ދައުލަތުގެ އާމްދަނީ ފޫބެއްދޭނެ ގޮތަކަށް ކަންކަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި ރާއްޖޭގެ ތާރީހުގައިވެސް ނުފެންނަހާ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާއިރު، ޓެކްސް ބޮޑުކުރަމަކީ ރައްޔިތުން ކަންބޮޑުވާނެ ކަމެއް ކަމަށް ނުފެންނަ ކަމަށްވެސް ރިޒާ ވިދާޅުވިއެވެ.