އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި މިހާރު ހިމެނިފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

ރިޒާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި، އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލު ކުރަމުންދާ މައްސަލައިގެ ބަހުސްގައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގެވެ.

ރިޒާ ވިދާޅުވީ، އޭނާއަކީ މީގެ 13 އަހަރު ކުރިން އެމްޑީޕީއަށް ސޮއިކުރެއްވި މެންބަރެއް ކަމަށާއި އެއަށްފަހު އެހެން ޕާޓީއަކަށް ސޮއިކޮށްފައިވެސް ނުވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އީސީގެ ދަފްތަރުގައި އޭނާ މިހާރު ހިމެނިފައި ނުވާ ކަމަށާއި، އޭނާ އިނީ ކޮން ޕާޓީއެއްގައި ކަންވެސް މިހާރު ނޭނގޭ ކަމަށެވެ.

ރިޒާ ވިދާޅުވީ އޭނާގެ އިތުރުން އޭނާއާއެކު އެ ޕާޓީއަށް ސޮއި ކުރި މިލަންދޫ ދާއިރާއަށް ނިސްބާތްވާ 600 އަށްވުރެ ގިން މީހުންވެސް އެމްޑީޕީ މެންބަރުންގެ ގޮތުގައި އީސީގެ ދަފްތަރުގައި ނެތް ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 90 ޕަސެންޓް މީހުން އެމްޑީޕީއަށް ވަނުމަށްފަހު ޕާޓީން ވަކި ނުވާ ކަމަށާއި، އެހެން ޕާޓީއަކާ ނުގުޅޭ ކަމަށް ބުނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ އެހެން ދިމާވަނީ ފިންގާ ޕްރިންޓް ނުޖަހައި ޕާޓީ މެންބަރަކަށް ނުވެވޭކަމަށް ގާނޫނުގައި ބުނާ އިރު، ފިންގާ ޕްރިންތް ވެރިފައި ކުރެވެން ނެތުމުން ކަމަށެވެ. އެހެންކަމުން އަތާއި ފައިގެ އިނގިލަތަކުން ފިންގާ ޕްރިންޓް ޖަހައިގެންވެސް ބައެއް މީހުން ސިޔާސީ ޕާޓީތަކަށް ވަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.