މި މަސް ތެެރޭގައި ރާއްޖޭގައި ކުޑަކުދިންނަށް ވެކްސިން ދޭން ފަށާނެ ކަމަަށާއި ޖަހާނީ ފައިޒާ ވެކްސިން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މިމަހުގެ ތެރޭގައި ރާއްޖޭގައި 12 އަހަރުން މަތީގެ ކުދިންނަށް ޖެހުމަށް ވެކްސިން ލިބޭނެ ކަމަށާއި އަންނަ ހަފުތާގެ ތެރޭގައި ވެކްސިން ޖަހަން ފެށޭނެ ތާރީހުތައް އިއުލާން ކުރައްވާނެ ކަމަށެވެ.
ކުޑަކުދިންނަށް ޖަހަން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.
"ފައިޒާ ވެކްސިން ޖެހުމަށް ކަނޑައަޅާފައިވަނީ 12-17 އަހަރާ ދެމެދުގެ ކުދިންނާއި މާބަނޑު މީހުންނާއި، މީގެ ތެރޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަހުން މާބަނޑުވި މީހުންނާއި އެއްވެސް ވެކްސިން ޑޯޒެއް ނުޖަހާ ފަރާތްތަކާއި ދިފާއީ ނިޒާމު ބަލިކަށިވާ ފަދަ ބައްޔެއް ނުވަތަ ބޭހެއް ބޭނުން ކުރާ ފަރާތްތައް. މީގެ އިތުރުން ބޭރު ގައުމަކުން ފައިޒާގެ ފުރަތަމަ ޑޯޒް ޖަހާފައި މިހާރު ރާއްޖޭގައި ތިބި މީހުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖެއިން ބޭރަށް ކިޔަވަންދާ ކުދިންނަށްވެސް ފައިޒާ ވެކްސިން ޖަހައިދޭނެ ކަމަށެވެ.
ރާއްޖެއިން މިހާރު ހުސްވެފައިވާ ފައިޒާ ވެކްސިންގެ ޝިޕްމަންޓެއް މިމަހުގެ ތެރޭގައި ލިބޭނެ ކަމަށް އެޗްއީއޯސީން ބުނި ނަމަވެސް ރާއްޖެއަށް ލިބެނީ ކިތައް ޑޯޒްކަމެއް އެޗްއީއޯސީން ބުނެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު