މާލޭގައި ސްކޫލް ބަހުގެ ހިދުމަތް ތައާރަފްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކާ ގުޅޭ މައުލޫމާތުތައް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް، ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށްގެންދިޔަ ނަމަވެސް ސިޓީ ކައުންސިލްގެ ވިސްނުމަކީ އެ މަޝްރޫއު މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް މާލޭގައި ފެށުމަކީ ޓްރެފިކް ހައްލު ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ވިދާޅުވީ ސްކޫލް ބަހުގެ ހިދުމަތް ފެށިގެން ދިޔުމަކީ ދަރިވަރުން ގޮވައިގެން ސްކޫލްތަކަށް ދާ ބެލެނެވެރިންނަށް ދިމާވާ ޓްރެފިކް މައްސަލަތަކަށް ލިބޭނެ ހައްލެއް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބޭނުންވާ ކަމަށާއި އެކަމަށް މަޝްވަރާ ކުރާނީ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރުމަށްފަހު ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
"ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފެށީމަ މާލޭގެ މި އޮންނަ ޓްރެފިކް މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް މި ބަލަނީ. ދެން ޕަބްލިކް ޓްރާންސްޕޯޓަށް މި ބޭނުން ކުރާ ބަސްތަކަކީ ރަނގަޅު ފެންވަރުގެ ބަސްތަކަށް ވާންޖެހޭނެ. ދެން އަޅުގަނޑުމެން ސްކޫލް ބަހުގެ ހިދުމަތް ފެށުމަށް ނިންމާފަ މިވަނީ. އެކަމަކު އަޅުގަނޑުމެން އަވަށްތަައް ވަކިން މި ބާއްވާ ބައްދަލުވުންތަކުގައި މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާނަން،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ސްކޫލް ބަހުގެ ހިދުމަތް ދިނުމަކީ މިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑިޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ނެގީ ޕީޕީއެމްއިންނެވެ.
މާލޭގައި މީގެ ކުރިން ވެސް ބަހުގެ ހިދުމަތް ދިނެވެ. ނަމަވެސް ވަކި ހިސާބަކުން އެކަން ހުއްޓާލީ އެވެ. ފަހުން ސިނަމާލެ ބްރިޖާއެކު މާލެއާ ހުޅުމާލެއާ ދެމެދު މިހާރު ބަސް ދަތުރުތައް އޮވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު