މޮނިޓަރިންގައިވާ ރަށްތަކުގެ ދަރިވަރުންނަށްވެސް ކިޔެވުން މެދުނުކެނޑި ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަންގާރަ ދުވަހު ހުޅުވޭއިރު މިއަދުގެ މިހާތަނަށް 16 ރަށެއް ވަނީ މޮނިޓަރިން ހާލަތުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީ، "ވަން" އަށް މިއަދު ވިދާޅުވީ މޮނިޓަރިންގައި ރަށެއް އޮތަސް އެރަށެއްގެ ދަރިވަރުންނަށް ކިޔެވުން މެދުކަނޑާނުލާނެ ކަމަށެވެ. އަދި ދަރިވަރުންގެ ކިޔެވުން އޮންލަިއންކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން މިދިޔަ އަހަރު މުޅިންހެން ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ނަމަވެސް ކޮވިޑު ބަލި ނުފެންނަ ރަށްތަކުގައި ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ވަނީ ކިޔެވުން ކުރިއަށް ގެންގޮސްފަ އެވެ.

މާލޭގެ ހާލަތު މިހާރު ރަނގަޅުވަމުންދާއިރު ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިއަށް ގެންދަން ނިންމާފައިވަނީ ދަރިވަރުން ސްކޫލަށް ހާޒިރު ކޮށްގެންނެވެ. ނަމަވެސް ކޮވިޑުގެ ހާލަތަށް ބަލާފައި މިގޮތް ބަދަލު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީގެ ކުރިން އެޑިއުކޭޗަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މާލެ އަށްވުރެ ގިނައިން އަތޮޅުތެރެއިން ކޮވިޑުގެ ކޭސްތައް ފެންނަމުންދާއިރު މިހާތަނަށް 16 ރަށެއް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ.

އެޗްޕީއޭ އިން މީގެ ކުރިން އާންމު ކޮށްފައިވާ އުސޫލުގައިވާ ގޮތުން މޮނިޓަރިން އަށް އެރަށެއް ލުމަށްފަހު ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައެއް ނުދެވޭނެ އެވެ. މިހާތަނަށް 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެކްސިނެއް އުފައްދާފައިނުވާއިރު ސްކޫލްތަކުގައި ތިބޭ ކުދިންނަކީ ހައި ރިސްކު ކެޓެގަރީގައި ހިމެނޭ ކުދިންނެވެ. އެހެން ކަމުން ބަލި ފެތުރެމުންދާއިރު ސްކޫލްތަކަށް ކުދިން ހާޒިރުކޮށްގެން ކިޔަވައިދިނުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ވަން"އަށް މިއަދު ވިދާޅުވީ މޮނިޓަރިން އަށްލާފައިވާ ރަށްތަކަށ ްމީގެ ކުރިންވެސް އަމަލު ކުރަމުންދާ އުސޫލަށް ވަކި ބަދަލެއް އައިސްފައިވާ ނުވާ ކަމަށެވެ. އެހެން ކަމުން މޮނިޓަރިންއަށް ލާ ހުރިހާ ރަށްތަކެއްގައި ކިޔެވުން ކުރިއަށް ގެންދަންޖެހޭނީ އޮންލައިންކޮށް ކަމަށް ވިދާޅުވި އެވެ.