ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން އޭނާގެ ކްލަބު، އިޓަލީގެ އިންޓަ މިލާންއަށް ހިނގައްޖެއެވެ.

ޑެންމާކުން ޔޫރޯ 2020 ގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޑެންމާކުގެ އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. މެޗު އެމަޖެންސީގައި މެދު ކަނޑާލައި ގިނަ ކަންތައްތަކެއް ހިނގާ ދިޔައެވެ. ކުޅުންތެރިންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފްސާނީ އަސަރުތަކެއް އެކަމުގެ ސަބަބުން ކޮށްފައިވެއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަކަމުގެ ޔަގީންކަން ލިބުމުންނެވެ.

ހިތަށް އައިސީޑީއަށް ލައްވައި، 29 އަހަރުގެ އެރިކްސަން މިހާރު ގޭގައި ރިކަވާ ވަމުން އަންނަ އިރު، އޭނާ އެނބުރި އިޓަލީއަށް ދިޔައީ އިއްޔެއެވެ. އިންޓަ މިލާނަށް ގޮސް އިންޓަގެ ޑޮކްޓަރުންނާއެކު އޭނާވަނީ ޓެސްޓުތައް ފުރިހަމަކޮށްފައެވެ. އިންޓަ ޑޮކްޓަރުން ބުނެފައި ވަނީ އެރިކްސަންގެ ފިޒިކަލް އަދި ސައިކޮލޮޖިކަލް ކަންޑިޝަން މިވަގުތު ހުރީ ވަރަށް ރަނގަޅަށް ކަމަށެވެ.

" އެރިކްސަންގެ ކަންޑިޝަން ހުރީ ވަރަށް ރަނގަޅަށް. ފިޒިކަލް އަދި ސައިކޮލޮޖިކަލް ގޮތުންވެސް ހުރިހާ ކަމެއް ހުރީ ރަނގަޅަށް. ކޯޕަންހޭގަންއިން ޑެންމާކު ޑޮކްޓަރުން ދީފައިވާ އިރުޝާދާ އެއްގޮތަށް އޭނާގެ ރިކަވަރީ ޕްލޭން ކުރިއަށް ގެންދާނެ. އަދި ޑެންމާކު ޑޮކްޓަރުންނާއެކު ވާހަކަ ދައްކާ އިންޓަގެ މެޑިކަލް ޓީމުން ދެން އެރިކްސަންގެ ރިކަވަރީ ކަންކަން ކުރިއަށް ގެންދާނެ،" އިންޓަގެ މެޑިކަލް ޓީމުން ބުނެފައިވެއެވެ.

އެރިކްސަންއަށް ކުރިއަށް އޮތް ސީޒަންގައި އިޓަލީ ލީގުގައި ކުޅެވޭނެތޯ ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. ލީގުގެ ޓެކްނިކަލް ސައިންޓިފިކް ކޮމިޓީން ބުނެފައި ވަނީ ސެރެއާ އޭގައި އަލުން ކުޅެން ބޭނުން ނަމަ ހިތަށް ލައްވާފައިވާ އައިސީޑީ ނަގަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެކަމަށް ދަނީ އިތުރު މަޝްވަރާތައް ކުރަމުންނެވެ.