ކޮވިޑް19އިން ރައްކާތެރިވުމަށް ރާއްޖޭގެ އެންމެނަށް ވެކްސިން ދިނުމަށް މިހާރު ކުރިއަށް ގެންދާ ގައުމީ ވެކްސިނޭޝަން ކެމްޕެއިންގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ސްކޫލްތައް ބައިވެރިވެގެން، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ކެމްޕެއިނެއް މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަހުމަދު އަލީ "ވަން"އަށް މިއަދު ވިދާޅުވީ، އެ ކެމްޕެއިނަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވީހާވެސް ބޮޑަށް ވެކްސިންގެ ދެޑޯޒް ފުރިހަމަކުރުވުމަށް ބާރުއެޅުމުގެ ގޮތުން ފެށި ކެމްޕެއިނެއް ކަމަށެވެ.

މިއަދަށް ހާއްސަކޮށްގެން އެ ކެމްޕެއިން ފެށީ، މިއަދަކީ ޓީޗަރުން ސްކޫލްތަކަށް ފުރަތަމަ ރިޕޯޓު ކުރަންޖެހޭ ދުވަހަށްވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަހުމަދު އަލީ ވިދާޅުވީ، ސްކޫލްތަކުގައި ތިބި ޓީޗަރުންގެ ބޮޑު ބައެއް މިހާރުވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަަމަށެވެ.

މި ކެމްޕެއިން ފެށީ މަގުސަދުތަކުގެ ތެރޭގައި، ކިޔެވުން މެދު ނުކެނޑި ސްކޫލްތައް ބަންދު ނުކޮށް، ކުރީގެ ހާލަތުގައި ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގިނަ އަދަދެއްގެ ޓީޗަރުން މިހާރުވެސް ވަނީ ވެކްސިން ފުރިހަމަ ކޮށްފައި، މިއީ ދަރިވަރުންގެ ރައްކާތެރިކަމަށް ކުރާ ކަމެއް، ކިޔެވުން މެދު ނުކެނޑި ސްކޫލްތައް ބަންދު ނުކޮށް، ކުރީގެ ހާލަތުގައި ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން މިކަމުގެ ސަބަބު ތަކުގެ ތެރޭގައި ހިމެނޭ،"

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ މި ކެމްޕެއިންގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމާ ގުޅޭ މައުލޫމާތު ޓީޗަރުންނާއި، ތައުލީމީ ދާއިރާގެ މުއައްޒަފުން މެދުވެރިކޮށް ދެވޭނެ ކަމަށެވެ.

ދަރިވަރުންނާ ގުޅުންހުރި ހުރިހާ ފަރާތްތަކަކީވެސް ކޮވިޑް 19 އިން ރައްކާތެރި ވުމަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހެދުމުގެ ގޮތުން ތައުލީމީ ދާއިރާގެ ގިނަ އަދަދެއްގެ މުއައްޒަފުން މިހާރުވެސް ވެކްސިން ފުރިހަމަ ކޮށްފައި ކަމަށްވެސް ބުންޏެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސްކޫލްތަކުގައި ހަރުދަނާ ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.