ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލަދިން ކަމުގެ ތުހުމަގުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ހަތް ދުވަސް އިތުރުކޮށްދީފި އެވެ.

ލ. ފޮނަދޫގައި ދިރިއުޅުއްވަމުން ގެންދަވާ މަސްއޫދު، އަންގާރަ ދުވަހުގެ އިރާކޮޅު އަނބިކަބަލުންނާ އެކު ސައިކަލްގައި ދުއްވާފައި ދަނިކޮށް ފަހަތުން އައި މީހަކު ދަގަނޑުބުރިއަކުން ހަމަލާދޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެ މައްސަލަ އެ ރޭ 9:13 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާއިރު ތުހުމަތުކުރެވޭ މީހާ، ވަނީ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ދަގަނޑުބުރިން ޖަހަން އުޅުމުގެ ތެރޭގައި ސަލާމަތްވުމަށް ދިއްކޮށްލި އަތަށް ލިބުނު އަނިޔާތަކަށް މަސްއޫދު ވަނީ ފޮނަދޫ ސިއްހީ މަރުކަޒުން ފަރުވާ ވެސް ހޯއްދަވާފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މަސްއޫދުގެ ކާރުގައި ވެސް ވަނީ ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައެވެ. އެކަމުގެ ތުހުުމަތު ވެސް މަސްއޫދު ކުރައްވަނީ ރޭ އޭނާއަށް ހަމަލަދިން މީހާއަށެވެ. ނަމަވެސް ކާރުގައި ރޯކޮށްލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އައި ނަމަވެސް އެ މައްސަލައާ ގުޅިގެން މީގެ ކުރިން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.