އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝް ގެންދަން މެންޗެސްޓާ ސިޓީން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ބިޑު ކާމިޔާބުވެ، ޓްރާންސްފާ ކާމިޔާބުވުމާ ގާތަށް ޖެހިލައިފިއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި މިހާރު ދެ ކްލަބުގެ ދެމެދުގައި ކުރިއަށްދަނީ ކުދިކުދި ކަންކަން ފައިނަލް ކޮށްލުމުގެ މަރުހަލާއެވެ. އެގްރީމަންޓްގައި ސޮއިކުރުމުގެ ކަންކަން މިއަދު ނިމޭނެ ކަމަށް ބެލެވޭއިރު، ޓްރާންސްފާގައި އިތުރު މައްސަލައެއް ނާންނަ ނަމަ، ހޮނިހިރު ދުވަހު ސިޓީން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ އެފްއޭ ކޮމިއުނިޓީޝީލް މެޗަށް ގްރީލިޝް ސްކޮޑުގައި ހިމެނުމުގެ ފުރުސަތު ސިޓީއަށް އޮންނާނެއެވެ.

އުމުރުން 25 އަހަރުގެ ގްރީލިޝްއަށް ސިޓީން ހުށަހަޅާފައިވާ ބޮޑު އަގަކީ މިހާތަނަށް ބްރިޓިޝް ކުޅުންތެރިޔަކަށް ހުށަހެޅި ރެކޯޑު އަގެވެ.

ގްރީލިޝް މިވަގުތު ހުރީ އެސްޓަން ވިލާއާއެކު ތަމްރީނުތަކުގައެވެ. ޔޫރޯއަށްފަހު ނެގި ޗުއްޓީ ނިންމާލުމަށްފަހު އެސްޓަން ވިލާގެ ތަމްރީނުތަކަށް ގްރީލިޝް ނުކުމެފައިވާއިރުވެސް ބެލެވިފައި އޮތީ ސިޓީއަށް އޭނާ ބަދަލުވާނެ ކަމަށެވެ. އެސްޓަން ވިލާއިން ގްރީލިޝް މަޑުކުރުވަން އާ ކޮންޓްރެކްޓެއް ދިން ނަމަވެސް އެ ކްލަބަށް ވަނީ އޭނާ ހިފަހައްޓަން އުނދަގޫތަކެއް ކުރިމަތިވެފައެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ސިޓީއާއި އެސްޓަން ވިލާގެ ވާހަކަތައް ދަނީ މައްސަލަތައް ދިމާ ނުވެއެވެ. ގްރީލިޝް ހިފަހައްޓަން އެސްޓަންވިލާއިން އިތުރު ފިއްތުންތަކެއް ކުރިމަތިކުރުވަން މަސައްކަތް ނުކުރާއިރު، ބެލެވޭ ގޮތުގައި އުނދަގޫތަކެއް ކުރިމަތިނުވެ ޓްރާންސްފާގެ ކަންކަން ނިމެނޭއެވެ.

ސިޓީން ދެން ޓާގެޓް ހިފާފައި ވަނީ އިންގްލެންޑްގެ ފޯވަޑް، ހެރީ ކޭން އެ ޓީމަށް ގެންދިޔުމަށެވެ. ކޭންވެސް ޓޮޓެންހަމް ދޫކޮށްދާން ބޭނުންވެ، އެކަމަށް ކްލަބުގައި އެދެމުން ދިޔަ ނަމަވެސް ޓޮޓެންހަމްގެ ވިސްނުން ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ. ސިޓީން ބިޑް ކުރުމަށް ތައްޔާރުވި ނަމަވެސް ޓޮޓެންހަމްއިން ދަނީ ކޭން ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.