އިނގިރޭސިވިލާތުގެ 16 އަހަރާއި 17 އަހަރުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމަށް ނިންމައިފި އެވެ.

އެ ގައުމުގެ ޖޮއިންޓް ވެކްސިން ކޮމިޓީ އޮން ވެކްސިނޭޝަން އެންޑް އިމިއުނައިޒޭޝަން (ޖޭސީވީއައިއީ) ކޮމިޓީން މިކަން އިއުލާނުކޮށްފައިވަނީ އިއްޔެއެވެ.

އެންމެފަހުގެ ދިރާސާތަކަށް ބެލުމަށްފަހު އުމުރުން 16 އަދި 17 އަހަރުގެ ކުދިންނަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމަށް އިރުޝާދު ދެއްވައި، ދެވަނަ ޑޯޒު ޖަހަންވީ މުއްދަތުގެ ތަފުސީލު ހާމަކުރައްވާނެކަން ޖޭސީވީއައި ކޮމިޓީގެ ޗެއާޕާސަން ވެއި ޝެން ލިމް ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި ގިނަ ޒުވާނުން އަދި ކުޑަ ކުދިންނަށް ކޮވިޑުގެ އަސަރު މާބޮޑަށް ނުކުރި ނަމަވެސް، ބައެއް ކުދިންނަށް ކޮވިޑުގެ ނޭދެވޭ އަސަރު ކޮންމެވެސް ވަރަކަށް ކުރެއެވެ. އެގޮތުން މި އުމުރު ފުރައިގެ ކުދިންނަށް ވެކްސިންގެ އެއް ޑޯޒު ދިނުމުން ގިނަ ބަލިތަކުން ދިފާއުކޮށްދިނުމަށާއި އެނދުމަތިކުރުމުން ދުރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭސީވީއައި އިން ވަނީ މީގެ ކުރިން މިދިޔަ ޖުލައި 19 ވަނަ ދުވަހު އެގައުމުގެ 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދިނުމަށް ނުފެންނަކަމަށް ކަނޑައަޅާފައެވެ. މިހާތަނަށް މި އުމުރު ފުރައިގެ ކުދިންނަށް ވެކްސިންދޭ ގައުމުތަކުގެ ތެރޭގައި، އެމެރިކާ، އިސްރާއީލް އަދި ފްރާންސް ހިމެނެއެވެ.

އެ ގައުމުގެ ހެލްތު ސެކްރެޓަރީ ސާޖިދު ޖާވިދު ވަނީ އެކޮމިޓީގެ އިރުޝާދު ގަބޫލުކުރައްވައި އެކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.