ގަލްފުގެ ގައުމެއްގައި ދިރިއުޅޭ އަންހެނަކު، އޭނާއަށް އެނގުމަކާ ނުލައި ކުވެއިތުގެ ރަސްމީ ލިޔެކިޔުންތަކުގައި އެއްފަހަރާ ދެ ފިރިހެނުންގެ އަންބެއްގެ ގޮތުގައާއި އެ މީހުންގެ ދަރިންގެ މަންމަގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ ފެންމަތިވީ އެ އަންހެންމީހާ ކުވެއިތުގެ ރަސްމީ އިދާރާތަކަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކުވެއިތުގެ ކަމާބެހޭ ތަހުގީގީ އިދާރާތަކުން ހިންގި ހާއްސަ ތަހުގީގެއްގެ ތެރެއިންނެވެ. އެ އަންހެންމީހާއަކީ އޭނާގެ އަމިއްލަ ގައުމުގައި މީހަކާ އިނދެގެން އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ މީހެކެވެ.
ކުވެއިތުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އޮޅުވާލުން ހިންގާފައިވަނީ މަރުވެފައިވާ އެ އަންހެންމީހާގެ ބައްޕައެވެ. އޭނާގެ ބައްޕަ ވަނީ ކުވެއިތުގެ ރައްޔިތުންނަށް ދައުލަތުން ދޭ މާލީ އިނާޔަތްތަކާއި އާއިލީ މަންފާތައް ހޯދައިދިނުމުގެ ބޭނުމުގައި، ދެ ފިރިހެނަކަށް އޭނާގެ ދަރިފުޅު ސައްހަ ނޫން ގޮތުގައި ކައިވެނިކޮށްދީފައެވެ.
މި ތަހުގީގުން އެނގުނު ގޮތުގައި، އެ އަންހެންމީހާގެ ބައްޕަ ވަނީ އޭނާގެ އަމިއްލަ އެއްބަނޑުއެއްބަފާ ކޮއްކޮވެސް އޭނާގެ ދަރިއެއްގެ ގޮތުގައި ކުވެއިތުގެ ރައްޔިތުކަމުގެ ފައިލްގައި ރަޖިސްޓްރީކޮށްފައެވެ. އޭގެ ފަހުން އެ ކޮއްކޮ ވަނީ އޭނާގެ އަމިއްލަ ދަރިންނާއި އެހެން މީހުންވެސް އެ މީހުންގެ ދަރިންގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ.
ޑީއެންއޭ ޓެސްޓްތަކާއި ގަލްފުގެ ގައުމުތަކުގެ މައުލޫމާތުތައް އަޅައިކިޔައިގެން ހިންގި މި ތަހުގީގުގައި، ޖީލުތަކަކަށް ދެމިގެންގޮސްފައިވާ މި ސައްހަ ނޫން ރައްޔިތުކަމުގެ ވިއުގައަށް 100 އެއްހާ މީހުން ގުޅިފައިވާކަން ވަނީ ހާމަވެފައެވެ.
ކުވެއިތުގެ ސަރުކާރުން މިހާރު އަންނަނީ ގާނޫނާ ހިލާފަށް ސައްހަ ނޫން މައުލޫމާތު ހުށަހަޅައިގެން ރައްޔިތުކަން ހޯދާފައިވާ މީހުންގެ މައްސަލަތައް ވަރަށް ފުޅާދާއިރާއެއްގައި ބަލައި، އެފަދަ މީހުންގެ ރައްޔިތުކަން ބާތިލުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ހަބަރުތައް ބުނެއެވެ.
ކޮމެންޓް